ވަރަށް ކައިރި ތާރީޚެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޙަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް އިބްރާާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދު ފުޅެކެވެ.

Ad
rt

ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ މާރިޗް މަހުގެ 3 ވަނަ ދުވަހު ބުނެފައެވެ.

ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާދި އަވަހަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުރެވޭނެ ކަމަށެވެ.

"އަދި އެކަމުން އުތުރުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ" އަޙްމަދު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑުތިލަދުން މަތިން ތާއީދު ހޯދުމަށް އެ ރިޔާސީ އިންތިޚާބުގައި ވާދަކުރި މިހާރުގެ ސަރުކާރު ހިމެނޭ އިއްތި ހާދާއި، އެ އިއްތިހާދަށް ތާއީދުކުރާ ފަރާތްތައް ބޭނުންކުރި މައިގަނޑު އެއް ވަޢުދަކީ ވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޙަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމެވެ. އެ މަޝްރޫޢު ފަށާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން މިހާތަނަށް އެކި ތާރީޚް ތައް ދެއްވާފައިވެއެވެ. ނަމަވެސް މި ދައުރު ހަމަވާން އަހަރަކަށް މުއްދަތު ކުޑަވެފައިވާއިރު އެ މަސައްކަތް ނުފެށި ދިގުލާތީ އެ ސަރަހައްދުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޙަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވެސް ވަޢުދެކެވެ. ނަމަވެސް އެ ވެރިކަމުގެ ފަސް އަހަރު ނިމުނު އިރުވެސް އެކަން ފެށިފައި ވެސް ނުވެއެވެ.

ބޮޑުތިލަދުން މައްޗަށް ސަރުކާރުތަކުން ވަމުންދާ ބޮޑެތި ވަޢުދުތައް ނުފުދި އަލުން އިންތިޚާބުތަކުގައި އެވާހަކަ ދެއްކުމުން އެ ސަރަހައްދުގެ ބައެއް މީހުން މަޖާޒީ ގޮތެއްގައި "ސިޔާސީ ބޭފުޅުންނަށް މިއީ އިންތިޚާބުތަކަށް ބޮޑުވާ ތިލަދުންމައްޗެއްކަމަށް" ބުނެ އުޅެއެވެ.

މި ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުން އަންނައިރު އަދި ވެސް އެ ސަރަޙައްދުގެ ރައްޔިތުން ތިބީ އެ އުންމީދުގައެވެ. އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް ހިންގަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާން ވަނީ ނިންމާފައެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރާން ވަނީ ނިންމާފައެވެ.

އެ ޕްރޮޖެކްޓާއެކު މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.