އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ވަށަފަރު ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން ވަށަފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެކަމުގައި މުޅި މުސްލިމް އުއްމަތުގެ ކިބައިން މައާފަށް އެދުމަށް ގޮވާލައި ވަށަފަރު ކައުންސިލުން ވިދާޅުވީ ކީރިތި ރަސޫލާ ﷺ އަކީ މާތްﷲ މި ބިންމައްޗަށް ފޮނުއްވި އެންމެ މާތް، އެންމެ ޠާހިރު އިންސާނާ ކަމުގައި ވީހިނދު، އެކަލޭގެފާނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ އަމަލަކީ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ އެކަން ކަމާ ދެކޮޅަށް ބަސް ނުބުނެ ތަޙައްމަލް ކޮށްގެން ތިބޭނެ ކަންކަން ނޫން ކަމުގައެވެ.
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާތާއި ތިލަދުންމަތީގެ ގިނަ ކައުންސިލު ތަކަކުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.
ދިވެހި ރާއްޖޭން އިދިކޮޅު ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
މީގެ އިތުރުން ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ.
އަދި ބައެއް އަރަބި ގައުމުތަކުގެ ސަރުކާރުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ހާޒިރުކޮށް، އެ މައްސަލާގައި އިންޑިއާއިން މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ.
މި މައްސަލައިގައި އިންޑިއާގައި މުސްލިމުން ކުރި މުޒާހަރާ ތަކާއި ގުޅިގެން އެތައް ބަޔަކު ވަނީ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤުން މަޙުރޫމް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!