ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވިޔަވަތި ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ށ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ށ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުމެވެ.

ށ. އަތޮޅު ކައުންސިލުން ވިދާޅުވީ މި އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ށ. އަތޮޅުގެ ސްކޫލްތަކުން މުބާރާތުގެ ޤަވާޢިދާ އެއްގޮތަށް ޓީމް ލިސްޓް ތައްޔާރު ކުރެއްވުމަށްފަހު މި މަހުގެ 26 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ޓީމްލިސްޓް ފޮނުވުމަށް އަތޮޅު ކައުންސިލުން ވަނީ އެދިފައެވެ.

ވިޔަވަތި ޤުރުއާން މުބާރާތަކީ 2006 ވަނަ އަަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ށ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވަމުން ގެންދާ ޤުރުއާން މުބާރާތެކެވެ.

މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ ށ މިލަންދޫ ސްކޫލްގެ ޓީމް ހޮވާލެވޭއިރު، މިލަންދޫ ސްކޫލްގެ ޓީމުން 13 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެ ށ. އަތޮޅުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ށ. އަތޮޅު ބައިވެރިވި ދަރިވަރުންގެ ތެރެއިން ށ. އަތޮޅުގެ ސްކޫލްތަކުން 4 ދަރިވަރަކު ވަނީ ރަންވަނަތަކެއް ހޯދާފައެވެ. އެއީ ށ. މިލަންދޫ ސްކޫލްގެ ދެ ދަރިވަރަކާއި ށ. އަތޮޅު ސްކޫލްގެ ދަރިވަރެއްގެ އިތުރުން ށ. ފުނަދޫ ސްކޫލްގެ ދަރިވަރެކެވެ.

އެގޮތުން މިލަންދޫ ސްކޫލްގެ ދަރިވަރެއް ކަމަށްވާ ފާތިމަތި ސިލީން އަހުމަދު އާތިފް ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 12 އަހަރުގެ ދަށުގެ އުމުރުފުރައިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އަދި ހުރިހާ އުމުރުފުރައަކުން ނުބަލައި ކިޔެވުމުގެ ގޮފިން ފަޚްރުވެރި 1 ވަނަ ހޯދާފައިވާއިރު، މިލަންދޫ ސްކޫލްގެ ދަރިވަރު މުޙައްމަދު ޝާއިޙް އަޙްމަދު ޝިހާމް ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައެވެ. އަދި ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްއިން ފަޚުރުވެރި ވަނައެއް ހާސިލްކޮށްފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 6 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ މަރްޔަމް އީޝަލް އަޝްރަފްއެވެ. އަދި ފުނަދޫ ސްކޫލްގެ ދަރިވަރެއް ކަމަށްވާ މަލްސާ ޢީސާ ވަނީ ކައުންސިލްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައެވެ.