އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމަށާއި ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ކަރަންޓުގެ އަގު ބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވެފައި އޮތް ކަމަކަށް ވީއިރު، ކަރަންޓުގެ އަގު ރައްޔިތުންނަށް އުފެލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.
ސަލީމްގެ ގަރާރުގައި ކަރަންޓު އަގުބޮޑުވުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަމަށް ގައުމީ ފެންވަރުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ ފަންޑެއް އުފެއްދުމަށް ގޮވާލާ ކަމަށެވެ.
އޭގެ އިތުރުން އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނާޖީ އެފިޝަންސީ މިންގަނޑުތައް އެކުލަވާލަން ގަރާރުގައިވެ އެވެ.
އެނާޖީ އެފިޝަންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ ހަކަތައިގެ ގަވަނަންސް ހަރުދަނާކޮށް އިސްރާފު ކުޑަކޮށް ރައްޔިތުންނަށް މިހާރަށްވުރެ ގާތުން ހަކަތައިގެ ހިދުމަތްތައް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެ އާއި ދެކުނުގައި ހިދުމަތް ދެވޭ ގޮތަށް ހަކަތައިގެ ހިދުމަތްތައް ދޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ގޮވާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!