މުބާރާތްތަކުގައި ބައިވެރިވެ، ދުވުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ވަކި ޝަރުތު ތަކެއް ހަމަވާން ޖެހެވެ. ހަރަކާތްތެރި މީހަކަށް ވާންޖެހެއެވެ. އެއީ މީގެ ކުރީން ވަރަށް ގިނަ މީހުން ޤަބޫލުކުރި ގޮތެވެ. ނަމަވެސް އެއީ އަދި ހަޤީގަތް ނޫންކަން ސާބިތު ކޮށްދިނުމަށް ދުވުން ތެރިންނާއެކު ނުކުތީ މުހައްމަދު ރައިޝާންނެވެ. ފޮރުޅުލީ ގޮނޑިއެއްގައި ނުކުމެ އޭނާ އެންމެނަށް ސާބިތުކޮށްދިނީ ކޮންމެ މީހަކަށްވެސް އެއީ ވާނެކަމެއްކަމެވެ. ނުވާނެކަމެއް ނޫންކަމެވެ.
ދިރާގުން އާންމު ކުރި ތިންމިނިޓުގެ ވީޑިއޯއެއްގައި ފޮރޮޅުލީ ގޮނޑިއެއްގައި ދުވުމުގެ ހަރަކާތަށް ނުކުތްގޮތުގެ ތަޖުރިބާ ރައިޝާންވަނީ ކުރުގޮތަކަށް ހިއްސާކޮށްދީފައެވެ. އެއީ އޭނާ ހޯދި ފަހުރެކެވެ. އެހެން މީހުންނަށް ދެއްކި މިސާލެކެވެ. ހިތްވަރެކެވެ.
2014 ވަނަ އަހަރު ދިރާގުން ބެއްވި ރެލީ ރަންގައި ބައިވެރިވާން ރައިޝާން ނުކުތީ، އޭނާގެ އެންމެގާތް އެކުވެރިޔާ ފާޒިލްއާއެކުގައެވެ. އެދުވަހު ފުރޮޅުލީ ގޮނޑިއެއްގައި ދުވުމުގައި ބައިވެރިވީ އޭނާ އެކަންޏެވެ. އެހީތެރިޔަކީ ފާޒިލްއެވެ.
"ބައިވެރިވީއިރު ރައިޝާން ހިހެއްނުކުރަން އެހާ ފަސޭހަވާނެކަމަކަށް، ރައިޝާން ހީކުރީ ވަރަށް އުނދަގޫވަނެކަމަށް. ދެން ރައިޝާން އެކަނި މި ކޮނޑީގައި، ރައިޝާންއަށް އިހްސާސްވީ މިކަން ވަނޭ، މިކަން ކުރެވޭނޭ"
ރައިޝާން ބުންޏެވެ.
ޖެހިގެން އައި އަހަރު އެ މަންޒަރު ބަދަލުކޮށްލިއެވެ. 2015 ވަނަ އަހަރު ދިރާގުން ބޭއްވި ރެލީ ރޭހުގައި، ފޮރޮޅުލީ ގޮނޑީގައި ގިނަ ކުދިންތަކެއް ބައިވެރިވިއެވެ. އެކަންވީ ރައިޝާނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އުފަލަކަށެވެ. އޭނާއަށް ކުދިންތަކަކަށް އުންމީދެއް ގެނެސްދެވުނީތީއެވެ. ގޮނޑީގައި ތިބި އެތަށް ކުދިންނަކަށް، ހަރަކާތްތަކަށް ނުކުތުމަށް ހިތްވަރު ހޯދައިދެވުނިތީއެވެ.
މުޖުތަމަޢުގައި ކުރިއަށް ގެންދާ މިކަހަލަ ކުޅިވަރު ހަރަކާތްތަކުގައި ރައިޝާން މިހާރު އަންނާނީ ބައިވެރިވަމުންނެވެ. ދިރާގު ރޯޑް ރޭހުގައިވެސް އޭނާ ބައިވެރިއެވެ. ގޮނޑިއެއްގައި އިނަން ޖެހުނަސް އެއީ ނުވާނެކަމެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް ސާބިތުކޮށް ދެނީ ރައިޝާންނެވެ.
"މި ކަހަލަ ފެސްޓިވަލްތައް ގިނަގިނައިން ބާއްވާށޭ، ހަމައެކަނި ދިރާގެއްނޫން، އެކިއެކި ފަރާތްތައް، އެކިއެކި ޖަމިއްޔާތައް، އަމިއްލައަށްނަމަވެސް، އޭރު ގިނަ ކުދިން އަންނާނެ، ގިނަ ކުދިން ނުކުންނަ ހިތްވާނެ"
މިއީ ރައިޝާން ފަދަ އެތައް ކުދީންނެއްގެ ހައްޤުގައި އޭނާ މި މުޖުތަމަޢުއަށް ދޫކޮށްލި މެސެޖެކެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގޮތުން ސަރުކާރުންދޭ ރިހިވެލި އެވޯޑް، މިއަހަރު ރައިޝާން ވަނީ ހާސިލްކޮށްފައެވެ. އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހްއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!