ކޯޓުތަކުން ނިންމާ މަރުގެ ޙުކުމް ތަންފީޒު ކުރުމާއިގުޅޭ ގޮތުން މި ސަރުކާރުން އަމަލުކުރާނީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައިގޮތަށް ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޠާރިގު މިއަދު ސުވާލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރައާތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މަރުގެ ޙުކުމް ތަންފީޒު ކުރުމާއިގުޅޭ ގޮތުން ވޭތުވެ ދިޔަ ބައި ގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން އަމަލު ކުރަމުން އަންނަ ގޮތަކީ މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތްކަމަށެވެ.
"ވޭތުވެދިޔަ ބައި ގަރުނުގައި ދިވެހި ދައުލަތުން ގެންގުޅެމުންދާ ސިޔާސަތަކީ އެކަމާއި ގުޅޭ ގޮތުން މިހާރުވެސް ޢަމަލު ކުރެވެމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއްނޫން، މިއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުންއައި ގޮތް" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާއި ގުޅިގެން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި އަމަލު ކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!