ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ކުށްވެރިކުރަށްވައިފިއެވެ.

ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ވާހަކައިގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނެއް ހިތްހަމަނުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި މައްސަލާގައި ބީޖޭޕީ އިން ވަނީ އެ ޕާޓީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ މިހާރު ސަސްޕެންޑްކޮށްފައެވެ.

މިކަމާއިގުޅިގެން ބީޖޭޕީން ނެރުނު ބަޔާނެއްގައި އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި ޓީވީ ބަހުސެއްގައި ޝަރުމާ ދެއްކި ވާހަކައާ މެދު ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

ޝަރުމާ ވަނީ އޭނާގެ އެވާހަކަތަކަށް މިހާރު މަޢާފަށް އެދިފައެވެ.