ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރާއިރު ދިވެހި ހާރިޖިއްޔާއިން ހަމަހިމޭންކަން އިހުތިޔާރު ކޮށްގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ގައުމުގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރިމައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އޭނާގެ ވާހަކަތައް އިސްލާމީ ގައުމުތަކާއި އިސްލާމީ ޖަމިއްޔާ ޖަމާޢަތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާ ޓެގު ކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރެވޭ ހިނދު، ދިވެހި ޚާރިޖިއްޔާ އިން ހަމަހިމޭންކަން ޚިޔާރު ކޮށްގެން ނުވާނެ ކަމަށާއި، މިއުންމަތުގެ ޝަރަފާއި ފަޚުރު ކަމުގައިވާ މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަ ކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި މުސްލިމު ސަރުކާރުތަކުން ބަސް ބުނަންޖެހޭ ކަމަށެވެ.
ނުފުރް ޝަރުމާ ދެއްކި ވާހަކަތަކާ ގުޅިގެން ބީޖޭޕީން އިއްޔެ ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރުމުން އޭނާ ވަނީ އެކަމަށް މަޢާފަށްއެދި އެ ވާހަކަތައް އަނބުރާ ގެނެސްފައެވެ.
ޝަރުމާގެ ވާހަކަތަކާ ގުޅިގެން ބީޖޭޕީ އަށް ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!