އާންމުންނަށް ހުޅުވާލި 100 ކޯޓާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން
ފޮޓޯ: ހައްޖު ކޯޕަރޭޝަން

އާންމުންނަށް ހުޅުވާލި 100 ކޯޓާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އާންމުކޮށްފި އެވެ.

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އާއެެވެ.

އެކުންފުނިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން މިމަހުގެ 06 ވާ ހޯމަ ދުވަހުގެ 16:00 ގައި ޕީ.އެސް.އެމް ނިއުސް އިން ލައިވްކުރާނެ ކަމަށެވެ.

އެކުންފުންޏާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވަނީ ދެކެޓަގަރީއަށް ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ އައިޑީކާޑު އެކަންޏެވެ.

މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، މި ޖާގައިގެ ތެރެއިން އެ ކޯޕަރޭޝަންގެ ކިއުގައި ތިބި 353 މީހުންނަށް ޚައްސަކޮށްފައިވާއިރު ބާކީ 100 ޖާގައަށް މީހުން ޙައްޖަށް ގެންދަނީ އާއްމުންނަށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. މި ގުރުއަތުގެ ތެރެއިން ވެއިޓިންގ ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޯޕަރޭޝަންގެ ކިއުގައި މިހާރު ތިބި މީހުންގެ އިތުރަށް އަލަށް ފައިސާ ދައްކައިގެން ހައްޖަސް ދާން ބޭނުންވާ މީހުންނަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން މިހާރު ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގައެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މެއިލް މެދުވެރިކޮށްވެސް ފޯމް ހުށައެޅޭނެއެވެ.

ފުރަތަމަ 100 ޖާގައަށް ނެގޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިންގ ކިއޫ ތަރުތީބުން ޖާގަދިނުމަށް ވަނީ ނިންމާފައެވެ. އަދި ފައިސާދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖަށް ދިއުމަށް ކިއުގައި މި ވަގުތު 3،500 އެއްހާ މީހުން އެބަތިބި ކަމަށާއި ކުރީގެ އުސޫލާ އެއްގޮތަށް ފުރުސަތު ލިބޭ ނަމަ ތިން އަހަރުގެ ތެރޭގައި ކިއު ހުސްކޮށްލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މި 100 ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15 އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މިކޯޓާގެ ދަށުން ކުރިމަތިލެވޭނީ އެއް މީހެއްގެ ކެޓަގަރީއާއި ދެ މީހުންގެ ކެޓަގަރީއަށެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ. ހައްޖު ކޯޕަރޭޝަނުން ވިދަޅުވީ ދެބޭފުޅުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނާއި ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ ފަރާތްތަކަށްކަމަށެވެ.

މިއަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ޝަރުތުހަމަވާ މީހުންގެ ލިސްޓް ޑައުންލޯޑްކުރައްވާ!

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި