ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 20 ވަނަދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށުގެ ވެށިން ދުރުކުރެވޭނެ ގޮތްތަކާ އަދި އެކަންކަމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ އިތުރުން ދަރިން ދަރުބިއްޔަތު ކުރާނެ ރަނގަޅު ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިނަށް ހެދޭ ގޯސްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ސައިބަރ ކްރައިމްގެ މައްސަލައެއް ފާހަގަ ކުރެއްވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުންވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ޖިންސީ ގޯނާތަކާއި،އެކުދިންގެ އަމަލުތަކުން މިފަދަ ކަންކަން ދެނެގަނެވޭނެ ގޮތްތަކާއި މިފަދަ އަމަލެއް ފާހަގަ ކުރެވޭނަމަ އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވާއިރު މީގެ އިތުރުން ސްކޫލުތެރޭގައާއި ސްކޫލުން ބޭރުގައި ކުދިންނަށް ހަނގާކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި ހަނގާކުރުމުން ކުދިން ސަލާމަތް ކުރުމަށް ކުރެވިދާނެކަންކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން ވެސް ވިނީ މަޢުލޫމާތު ދީފައިވެއެވެ.
ތުރާކުނު ސްކޫލުގެ 52 ބެލެނިވެރިންނާއި، ހޯރަފުށި ސްކޫލުގެ 101 ބެލެނިވެރިން ބައިވެރިވެފައި ވާއިރު މި ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވާފައިވަނީ ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!