ސަރުކާރަށް ވަގަށް ގޮވައި، ހަޖޫޖަހާ ބަޔަކު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑާޝިޕަށް ގެނައުމަކީ، ވެރިކަންހޯދަން އެ ޕަޓީގެ އެތައްހާސް މެންބަރުން ކުރި ބުރަ މަސައްކަތަށްހިޔާނާތް ތެރިވުން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
މި މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ.
ރައީސް އިބްރާޙީމް މިޙައްމަދު ޞާލިޙާއި ސަރުކާރުގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އެވެ.
އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ތާއީދު އޮތީ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ. ކެމްޕެއިންގައި އިންތިގެ ޓީމުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކަން މިހެން ހިނގަމުންދާއިރު ފަޔާ ފަޅީގައި ހުންނެވި މެންބަރު އިބްރޭ ވިދާޅުވީ، ސަރުކާރަށް ވަގަށް ގޮވާ ހަޖޫޖަހާ ބަޔަކު، ޕާޓީގެ ލީޑާޝިޕަށް ގެނައުމަކީ، ވެރިކަންހޯދާން އެޕާޓީގެ އެތައްހާސް މެންބަރުނެއް ކުރި ބުރަ، އުންދަގޫ އަދި ބިރުވެރި މަސައްކަތަށްހިޔާނާތް ތެރިވުން ކަމަށެވެ.
"ޕާޓީގެ ކޮންމެ މެންބަރެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުމާއިި، އަދި 2023 ހޯދައި ދިނުން" އިބްރޭ ވިދާޅުވެފައި ވެއެވެ.
އިބްރޭ އިތުރަށް ވިދާޅުވީ، އެމްޑީގައި ކޮރަޕްޓް މެންބަރުންނެއްނުތިބޭނެ ކަމަށެވެ. އަދި އެމްޑީޕީ ދަސްކޮށްދީފައި ވާނީ އަމިއްލަ ހަލާލު ބުރަ މަސައްކަތުން މާތް الله ގެ ތަނަވަސް ރިޒުޤުން، ދިރިއުޅެން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުން ނަކީ، ހަލާލު ބުރަ މަސައްކަތުން ދިރިއުޅޭ، ދިވެހި ލޭ ހިނގާ ދަރިން ކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ.
"އެމްޑީ މެންބަރުން ނަށް ކުނި ގޮވުން ހުއްޓާލާ" އިބްރޭ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!