ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މަސްރޭހުގެ ފިރިހެން ބައި ގެ އެއްވަނަ ދިރުން ފިޝިންޓީމް، އަދި އަންހެން ބައިގެ އެއްވަނަ ޓީމް ގާދޮށު މަރިޔަ ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު (02 މެއި 2022) ކުރިއަށް ގެންގޮސްފައި ވަނީ އަންހެން ކެޓަގަރީގެ މަސް ރޭހެވެ. ފިރިހެން ކެޓަގަރީގެ މަސްރޭހާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެންދިޔަ މަސްރޭސް ކުރިއަށް ގެންގޮސްފައި ވަނީ ވަޅު ޢީދު (03 މެއި 2022) ދުވަހުއެވެ.

Ad
rt

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްފައި ވަނީ ފިރިހެން މަސްރޭސް ނިންމުމަށް ފަހު ވަޅު ޢީދު ދުވަހުގެ ރޭ ހަނިމާދޫ ބަނދަރު ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

ކެތިއަރާ މަސް ރޭހުގެ އަންހެން ބައިގެ އެއްވަނަ ޓީމް ގާދޮށު މަރިޔަ

ބާނާ މަހުގެ ބަރުދަނަށް ބަލައިގެން ވަނަ ހޮވާގޮތަށް އިންތިޒާމް ކޮށްފައިވާ މި މުބާރާތުގެ އަންހެން ކެޓަގަރީގެ އެއްވަނަ ޓީމް ގާދޮށު މަރިޔަ ކާމިޔާބު ކޮށްފައި ވަނީ ޖުމްލަ 25.8 ކިލޯގެ މަސް ބާނައިގެންނެވެ. ދެވަނައަށް އަށް ގޮސްފައި ވަނީ 18.8 ކިލޯ މަސް ބޭނި ޓީމް ސިރާނީއެވެ. އެންމެ ގިނަ މަސް ބޭނި ޓީމަކަށް ހޮވިފައި ވަނީ ޓީމް ސިރާނީއެވެ. އެ ޓީމުން ވަނީ 28 މަސް ބާނާފައެވެ. މި ކެޓަގަރީގެ އެންމެ ބޮޑު މަސް ބާނާފައި ވަނީ ގާދަށު މަރިޔަ ޓީމްގެ ހާމިދާއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 6.3 ކިލޯއެވެ.

ކުޑަކުދިންގެ ކެޓަގަރީގެ އެއްވަނަ ހޯދާފައި ވަނީ މެކުނު ޓީމުންނެވެ. އެ ކެޓަގަރީގެ އެންމެ ބޮޑު މަސް ބާނާފައި ވަނީ މެކުނު ޓީމުގެ ޒައިދާންއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 1.3 ކިލޯއެވެ. މި ކެޓަގަރީގެ އެންމެ ގިނަ މަސް ބާނާފައި ވަނީ ކުރަކާލި ޓީމުންނެވެ. އެ ޓީމުން ވަނީ ޖުމްލަ 20 މަސް ބާނާފައެވެ.

ކުޑަކުދިންގެ ކެޓަގަރީން އެންމެ ބޮޑު މަސް ބޭނި ޒައިދާން

ފިރިހެން ކެޓަގަރީގެ އެއްވަނަ ދިރުން ފިޝިން ޓީމުން ހޯދާފައި ވަނީ ޖުމްލް 43 ކިލޯގެ މަސް ބާނައިގެންނެވެ. ދެވަނަ ހޯދާފައި ވަނީ 33.3 ކިލޯ މަސް ބޭނި ޖަންގަލް ޕީޕީ ޓީމެވެ. އެންމެ ގިނަ މަސް ބޭނި ޓީމަކަށް ހޮވިފައި ވަނީ ވެސް ދިރުން ފިޝިންގ ޓީމެވެ. އެ ޓީމުން ވަނީ ޖުމްލަ 100 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނާފައި ވަނީ ޓީމް ގިނީގެ ތޯހާ ޔާސީންއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 9 ކިލޯއެވެ.

ހަނިމާދޫ ކެތިއަރާ ޖަމިއްޔާއިން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ފިތުރު ޢީދާއި ގުޅުވައިގެން އެ ޖަމިއްޔާގެ މަސްރޭސް ކުރިއަށް ގެންދަމުންނެވެ.