ސައިބަރ ކްރައިމް މައްސަލަތަކާއި، ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތައް އަންގައި ދިނުމަށް ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނާއި، މިލަންދޫ ސްކޫލާއި ގުޅިގެންނެވެ.
މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާ، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެފަދަ ކުށްތަކުން ދުރުހެލިކޮށް ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި، ކުށުގެ އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ލަސްނުކޮށް ރިޕޯޓުކުރުމަށާ އަދި އެފަދަ ކަންކަމުން ކުދިން ރައްކާތެރިކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ކުދިންނަށް އަބަދުވެސް ހަނދާންކޮށްދީ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމްގައި ވަނީ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި ކުށުގެ މާހައުލުން ކުދިން ދުރުކުރުމަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް ކުދިންކުރާ ކަންކަން ގާތުން ބަލައި އަދި ކުދިން ދައްކާ ވާހަކަތަކަށް ސަމާލުކަންދީ އަޑު އެހުމަށް ނަސޭހަތްތެރިވެފައި ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ އެހެނިހެން ކަންކަމުގެ މައުލޫމާތު ހިއްސާކޮށް، ބެލެނިވެރިން ކުދިންނަށް ނަމޫނާ ބަޔަކަށްވުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!