ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.
މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރޭ މުނާސަބަތަށް ވާތީ، މި މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދެވިދާނެ ބައެއް ކަންކަމާގުޅޭގޮތުން ޖަޕާނު ސަފީރު ވަނީ ވާހަކަފުޅު ދައްކަވާފައެެވެ.
ޖަޕާނު ސަރުކާރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ވެދެއްވަމުން އަންނަ އަގު ނުކުރެވޭހާ ގިނަ އެހީތައް އަދި ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް ވެދެއްވަމުން އަންނަ އެހީތެރިކަން ފަސްޓް ލޭޑީ ފަޒްނާ ދެއްކެވިވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާއެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ފަޒްނާ އާއި، ޖަޕާނުގެ ސަފީރު ވަނީ ޘަޤާފަތާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ތަޢުލީމީ އަދި އިޖްތިމާޢީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ދިވެހި ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގައެވެ.
ފަސްޓް ލޭޑީ ފަޒްނާ އިއްޔެ ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން އާއި ވެސް ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!