ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ "ބީސާދަ" ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ:
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 19 އަހަރުން ދަށް
- 21 އަހަރުން ދަށް
މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފީގައިވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެކައުންސިލުން ވަނީ އެއްއަހަރުން އަނެއް އަހަރަށް މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ނިސްބަތް އިތުރު ވަމުންދާތީ އެކަމާއި އުފާ ކުރައްވާ ކަމަށް ފާހަގަ ކޮށްފައެވެ.
ނޭކުރެންދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިމުބާރާތުން 1 ވަނައަށްދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް ކައުންސިލުން ދޭ ޓްރޮފީގެ އިތުރުން މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތަކަށް އެރަށު "އެހީ" ޖަމްއިއްޔާގެ ފަރާތުންވެސް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުން ކަމަށެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލް އިދާރާގެ މުވައްޒަފުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެފަރާތްތަކަށް ކައުންސިލްގެ ނަމުގައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!