ހއ. ވަށަފަރު ކައުންސިލުން ކުރިއަށްގެންދިޔަ މަދަހަ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
އެކައުންސިލުން މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވަށަފަރު ކައުންސިލްގެ މެމްބަރ ހަސަން މުހައްމަދު ވިދާޅުވީ މިއީ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދެވުނު ފުރަތަމަ މަދަހަ މުބާރާތް ކަމަށެވެ.
މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 6 އަހާރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާ ، 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރު ފުރާގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރައެވެ. އެގޮތުން މިމުބާރާތުގައި ޖުމްލަ 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިމުބާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ހަސަން ޝާކިރެވެ.
އެކައުންސިލުން ބުނެފައިވާ ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާއި ސްކޫލް ދަރިވަރުންގެ ހިތުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރު ކުރުމެވެ.
މީގެ އިތުރުން މިރަމަޟާން މަހަށް ހާއްސަކޮށް ދަރުސް ދިނުމުގެ ޕްރޮގްރާމަތަކާއި ކުޅިވަރު ޕްރޮގްރާމަތައްވެސް ރޭވިފައިވާ ކަމަށް އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!