ރަމަޟާން މަހުގެ އިޙްޔާ ފޯރަމް ބާއްވަން ފެށިފަހުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި އެވެ.

މި އިޙްޔާ ފޯރަމް ބާއްވާފައިވަނީ ރޭ ކުޅުދުއްފުށީގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ރޭ 21:30އިން 22:30އަށް ކުރިއަށްދިޔަ މި ފޯރަމްގައި ތަޤުރީރުކުރެއްވީ ޑރ.ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިނެވެ. މިބޭފުޅުން ވާހަކަފުޅު ދެއްކެވި މައުޟޫއުއަކީ "ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން" މި މައުޟޫއެވެ.

Ad
rt

މިފޯރަމްގައި ކުޅުދުއްފުށި ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މިފޯރަމްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފްވެސް ވާހަކަ ދައްކަވާފައިވެއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް މި އަހަރުގެ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެރޭ އަތޮޅުތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން 15 އޭޕްރީލްގައި އައްޑޫ ސިޓީގައި އަދި 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ.އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެއެވެ. އާދިއްތައާއި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޖަލްސާތައް ބާއްވަންފެށިފަހުން، މާލެ ސިޓީ ފިޔަވައި އެހެން ތަނެއްކައި މިފަދަ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.