ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދަކީ ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 50 އަހަރާއި 24 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. 1959 ވަނަ އަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސަރވިސް ނަންބަރަކީ 62 އެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދާއެކު އަޅުގަނޑަށް ސިފައިންގޭގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ މިހާރުގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އެވެ. އޭރު ވެސް އެއީ އެހެން މީހުންގެ އިޙުތިރާމާއި ލޯބި ލިބިފައިވާ އެންމެންގެ "ފުއާދުބެ"އެވެ. ޓިންކަރިންގ އެންޑް މެޝިނިންގެ އެންސީއޯ އިންޗާޖެވެ. އުފެއްދުންތެރި ޚިޔާލާއި މަސައްކަތުގެ އާޖުފާޖު ދެނެވަޑައިގަންނަވާ އަދި ގިނަ މަސައްކަތްތަކެއް އަމިއްލައަށް ކުރައްވަމުން ވަޑައިގެންނެވި ހުނަރުވެރި މަސައްކަތްތެރިއެކެވެ. ކުރިމަތިލައްވާ ކޮންމެ ކަމެއްގައި ވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދު ދިވެހި އަސްކަރިއްޔާގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ލާންސްކޯޕްރަލުގެ މަޤާމާއި، ކޯޕްރަލުގެ މަޤާމާއި، ސާޖެންޓުގެ މަޤާމާއި، ސްޓާފް ސާޖެންޓް ގެ މަޤާމާއި ލެފްޓިނަންޓްގެ މަޤާމު ހިމެނެއެވެ.
އަސްކަރީ ހަޔާތުގައި ކުރެއްވި އިޚްލާޞްތެރި އަދި ވަފާތެރި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި 6 މެޑެލި ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލިތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، ސައްތައިގެ މެޑެލި އަދި 3 ނޮވެންބަރުގެ މެޑެލި ހިމެނެއެވެ. ހާސިލުކުރެއްވި ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، އަޚުލާޤީ ކުލައާއި ސިފައިންގެ ޚިދުމަތުގެ ކުލަ ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ޚާއްޞަ ބޮޑެތި މަސައްކަތްތަކާއި ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާފައިވާ އަގުވަޒަންކުރުމުގެ ގިނަގުނަ ލިޔުއްތައް ލިބިވަޑައިގެންފައިވެއެވެ.
ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދު ސިފައިންގޭގައި އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ ޑިއުޓީ ސެކްޝަނުގައެވެ. ފޯރިމަރުގައި ހަރަކާތްތެރި ވުމަށްފަހު މާލެ އަތޮޅު ވިލިނގިލީގައި ޖަލު ހުރިއިރު އެރަށުގެ އިންޖީނުގޭގައި މަސައްކަތް ކުރެއްވިއެވެ. އަދި ދޫނިދޫގެ އިންޖީނުގެ ބެލެހެއްޓުމުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ސިފައިންގޭގައި ޓްރާންސްޕޯޓާއި އިންޖިނިއަރިންގެ ޚިދުމަތަށް ވަކި ބަޔަކު ކަނޑައެޅި ޔުނިޓެއް އުފެދުނީ 1978 ވަނަ އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހުއެވެ. އިންޖީނާއި ޖަނަރޭޓަރާއި ޕަންޕުފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ފުއާދުބޭ އެ ޔުނިޓަށް ބަދަލުވެ މަސައްކަތް ކުރެއްވީ ފަހުން އެ ދާއިރާގައެވެ. ފުއާދުބޭގެ މޭސްތިރިކަމުގައި އީއެމްއީގެ ސިފައިން ދޫނިދޫގައި ހަދަން މަސައްކަތްކުރި ސްލިޕްވޭގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، ދެކުނު ގަޑުބަޑު ހަމަޖެއްސެވުމަށް ބޮޑުވަޒީރު އިބްރާހީމް ނާޞިރު މޯލްޑިވްސްޓަރގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސިފައިންގެ މީހެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވުމާއި އެ ދުވަސްވަރު ފުވައްމުލަކުގައި ޑިއުޓީ އަދާކުރެއްވުމާއި ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާ ހިމެނެއެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު ސިފައިންގެއިން ބޭރުގައި ހުންނަވަން ޖެހި ވަޑައިގަތަސް ސިފައިންގެއިން ބޭރުގައި ތިއްބެވި ސިފައިންގެ އިސްބޭފުޅުންގެ ފަރާތުން ލިބިވަޑައިގެންނެވި އިރުޝާދާ އެއްގޮތަށް އެ ދުވަހު މަސައްކަތް ކުރެއްވިއެވެ. ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދަކީ ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއިން ފުރައިގެން ދިއުމާއެކު އެ ޚަބަރު ދިނުމަށާއި މާލޭގެ މަގު މަތިން ފެނުނު ހަތިޔާރުތައް ހިފައިގެން އެ ޚަބަރު ދިނުމަށް އެންމެ އަވަހަށް ސިފައިންގެ ހެޑްކްއޯޓަރޒަށް އައި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭރު ހުންނެވީ ލާންސްކޯޕްރަލް ރޭންކުގައެވެ.
ލެފްޓިނެންޓް އިބްރާހީމް ފުއާދަކީ ސިފައިންގެ ތެރޭގައި މިދެންނެވި އަގުހުރި ޤައުމީ ޚިދުމަތްތަކުގެ އިތުރުން ބައެއް މުހިންމު ޚާއްޞަ އުފެއްދުންތައް ވެސް އުފައްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން ރަމަޟާން މަސްމަހު ސިފައިން ގޭގައި އޭރު ގިނަ އަދަދަކަށް މަސްކުރޮޅި ތަޅަން ޖެހޭތީ އިލެކްޓްރިކް ވަނެއް ވަނީ އުފައްދަވާފައެވެ. މި ވަނަށް "ފުވަން" ގެ ނަމުން ސިފައިންގެ ލީޑަރޝޮޕުން ނަން ދެއްވީ ލެފްޓިނެންޓް އިބްރާހީމް ފުއާދުގެ ނަމަށް ނިސްބަތްކޮށެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެއް ކަމުގައިވާ ލެފްޓިނެންޓް އިބްރާހީމް ފުއާދުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާން ދަރިންނަށް ވެސް ދައްކުވައި ދެއްވާފައިވާ ރީތި އަގުހުރި މިސާލެއްކެވެ. ދިވެހި އަސްކަރިއްޔާއިން ލެފްޓިނެންޓް އިބްރާހީމް ފުއާދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 01 އޯގަސްޓް 2009 ގައެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ނަމަވެސް ލެފްޓިނެންޓް ފުއާދު ސިފައިންނާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަބަދުވެސް ވަޑައިގަތީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ސިފައިންގެ ބައެއް ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގެން ހެއްދެވިއެވެ. މިގޮތުން 2013 ވަނަ އަހަރު ބޭއްވި ސިފައިންގެ ފަންނާއި އަތްތެރި މަސައްކަތުގެ މައުރަޒު އިފްތިތާހުކޮށްދެއްވައި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުން ހިމެނެއެވެ.
ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދު ދެމި އޮތުމުގެ އާލަމަށް ދަތުރުކުރެއްވީ އުމުރުފުޅުން 80 އަހަރުގައި 2022 އެޕްރީލް 8 ވީ ހުކުރު ދުވަހުއެވެ. ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތްއިރު ގިނަ އަދަދެއްގެ ސިފައިންނާއި ކުރިން ސިފައިންގޭގައި ޚިދުމަތް ކުރައްވާފައިވާ ގިނަ އަދަދެއްގެ އިސް ޚިދުމަތްތެރިން ހިމެނިވަޑައިގަތެވެ. ދިވެހި އަސްކަރިއްޔާގެ މިހާރުގެ ލީޑަރޝިޕްގެ ބައެއް އިސް ބޭފުޅުންގެ އިތުރުން ކުރިން ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ލެފްޓިނެންޓް އިބްރާހީމް ފުއާދާ އެކުގައި މަސައްކަތްކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ. ފަސްދާނު ލެވުނީ މަސްޖިދިލް ތަޢާވުން (މާލޭ އާސަރާ މިސްކިތު) ގެ ގަބުރުސްތާނު ގައެވެ.
މަރުޙޫމް ލެފްޓިނެންޓް އިބްރާހީމް ފުއާދުގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް މިންވަރު ކުރައްވާށިއެވެ. އަދި ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. (ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!