ހދ. ނޭކުރެންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އޮތީ އިވެލުއޭޝަން ސްޓޭޖުގައި ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފުރުޞަޠު ހޯއްދަވައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ މަކުނުދޫގައި ތަރައްގީ ކުރަން ނިންމާފައިވާ ބޮޑު ޓާފް ދަނޑާއި، މަކުނުދޫގައި އަޅަން ނިންމާފައިވާ ހޭންޑް ބޯލް ކޯޓުގެ މަސައްކަތާބެހޭ ގޮތުން ވަޒީރު، މަޚްލޫފްއާއި ސުވާލުކުރަށްވާފައެވެ

Ad
rt

އެ ސުވާލުތައް ކުރަށްވަމުން ރާޢީ ވިދާޅުވީ، ނޭކުރެންދޫގައި ބޮޑު ޓާފް ދަނޑެއް އެޅުމަށް ހަވާލުކޮށްފައިވާތާމިހާރު އެއް އަހަރުދުވަސް ވެއްޖެކަމަށެވެ.

"ދެން ވަޒީރު އަޅުގަނޑަށް އެ މަޢުލޫމާތުދީފާނަންތޯ ކިހާ ދުވަހެއް އަދި މި ދަނޑު ނިންމާލެވޭނެތޯ؟ ކޮން މުއްދަތަކަށްތޯ ދީފައިވަނީ؟ ހަމަ މިގޮތަށް މަކުނުދޫގައި 2019 ވަނަ އަހަރު ހޭންޑްބޯލް ކޯޓެއް އަޅަން ވެސް ހަވާލުކުރެވިފައިވަނީ. އަދި އެކަމުގެ އެއްވެސް މަޢުލޫމާތެއް، މަސައްކަތެއް ވެސް ނުފެނޭ. އެހެންވީމާ، މި ހޭންޑްބޯލް ކޯޓުގެ މަސައްކަތް؟ ޢަމަލީ މަސައްކަތް ކިހާ ދުވަހެއްގެ ތެރޭގައި ފެށޭނެތޯ؟" ރާޢީ ސުވާލުކުރަށްވާފަވެއެވެ.

ޖަވާބުގައި މިނިސްޓަރު މަޚްލޫފް ވިދާޅުވީ، އެމަނިކުފާނަށް އެންމެ ފަހުން ލިބިވަޑައިގެންފައިވާ މަޢުލޫމާތަށް ބަލާއިރު ނޭކުރެންދޫގެ މަސައްކަތް މަޑުމަޑުން ކުރިއަށްދާކަމަށެވެ.

"ޓާފްގެ މަސައްކަތް މި އޮތީ އިވެލުއޭޝަން ސްޓޭޖުގައި. މިހާރު އަޅުގަނޑުމެން ވެސް އެހާ ބޮޑަށް ސަބްބޭސް ނިންމަން ބާރުނާޅާ ސަބަބަކީ، ޓާފް ގެނެސްފައި އަދި މާ ގިނަ ދުވަސް ވަންދެން ސަބްބޭސް މަސައްކަތް ދެއްތޯ؟ ނިމިގެން ސަބްބޭސް އެހެން ގިނަ ދުވަހު އޮތުމަށް ވުރެ އަޅުގަނޑުމެންނަށް ރަނގަޅޭ، ގެންނަ ގަޑިއާ އެއްކޮށް ދިމާވެއްޖެއްޔާ. އެހެންވީމާ، އެހާ ބޮޑަށް އަސްލުގައި އަޅުގަނޑުމެން ވެސް އެހާ ބާރެއްނާޅަން" މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ، އިވެލުއޭޝަން ނިމި، ބަޔަކަށް އެވޯޑުކޮށްގެން ޓަރފްތައް ރާއްޖެ ގެނެވޭ ހިސާބު ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ޖަހަން އެނގުނީމާ އަޅުގަނޑަށް ހީވަނީ ސަބްބޭސް ނިންމާލަން ދެން އަޅުގަނޑުމެންނަށް ވެސް ތަންކޮޅެއް ބާރުއަޅާލެވޭނެ. ދެން ހޭންޑްބޯލް ކޯޓު މިހާރު ވަނީ ކުރަހައި ނިމި، ހުރިހާ ކަމެއް ވެސް ނިމިފަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި އަންނަ ހަފުތާ ހިސާބުގައި ހޭންޑް ބޯލް ކޯޓު އިޢުލާންކޮށްލެވޭނެ އިނގޭތޯ" މިނިސްޓަރު މަޚްލޫފް ވިދާޅުވިއެވެ.