ށ. ފުނަދޫ ގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ ހާލަތާއިމެދު އެއަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ނަންހާމަ ނުކުރުމަށް އެދި އެރަށުން "ތިލަދުން" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ކޯވިޑް-19 ގެ ކުރިން އެހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް ކޯވިޑްގެ ދުވަސްކޮޅު ފެސިލިޓީތައް ގާއިމް ކުރުމުން ހޮސްޕިޓަލުގެ ޖާގަ ވަރަށް ކުޑަވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެގޮތުން މިހާރު އެހޮސްޕިޓަލުގެ ވޯޑްގައި ބެހެއްޓިފައި ހުރީ ޖުމްލަ 8 އެނދުކަމަށާއި، 6 ފަންކާ މި ވޯޑްގައި ބެހެއްޓިފައިވާއިރު އެ ވޯޑުގެ ބޮޑުމިނަކީ 20 ފޫޓް 30 ފޫޓްކަމަށް އެއިނާ ބުންޏެވެ. މީގެ އިތުރުން، އެތެރެ ހަށީގެ ބަލިތަކާއި ބައެއް ސާޖަރީތައް ހެދުމުގެ ޚިދުމަތް ދެމުން އަންނަ އެހޮސްޕިޓަލުގައި މިވަގުތު އެމަރޖެންސީ ރޫމްއެއްވެސް ނެތްކަމަށާއި މާބަނޑު މީހުންނަށާއި އަންހެނުންނަށް ހާއްސަ ކޮޓަރިއެއް ނެތުމުން އެރަށުގެ ރައްޔިތުންގެ ޝަކުވާތައް ގިނަވެފައިވާކަން ހާމަކުރި އެވެ.
މީސް މީޑިޔާގައި މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު މީހަކު ބުނެފައިވަނީ، އެހޮސްޕިޓަލުގެ ޖެނެރަލް ވޯޑުގެ ދެ އެންދު ދޭތެރޭގައި 3 ފޫޓު ނުހުންނަ ކަމަށާއި އެތަނުގެ ފިނިހޫނުމިން ހުންނަނީ 36 އާއި 40 ސެލްސިއަސް ގައި ކަމަށެވެ. އަދި މިދުވަސް ވަރަކީ ހޫނު ގަދަ ދުވަސްވަރެއްކަމުން، ވޯޑްގައި ތިބެން ޖެހޭ ބައެއް ފަރާތްތަކުން ގެއިން ސްޓޭންޑް ފަންކާއެއް ހިފައިގެން އައިސް ތިބޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މިކަންކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ އެހޮސްޕިޓަލަށް ހުށައެޅުމުން އެހޮސްޕިޓަލުން ބުނެފައިވަނީ ކަމާއި ބެހޭ ފަރާތްތަކަށް އެމައްސަލަތައް އަންގާފައިވާ ކަމަށްކަމަށް އެމީހާ ބުނެފައި ވެއެވެ.
މައުލޫމާތު ދިން ފަރާތުން އިތުރަށް ބުނީ އެރަށުގައި ކޮވިޑްގެ އެއްވެސް ކޭސްއެއް ނެތްއިރު ހޮސްޕިޓަލުގެ ބޮޑު ޖާގައެއް ފެސިލިޓީއަށް ދޫކޮށްފައި ވުމަކީ ބޭނުމެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ. އެހޮސްޕިޓަލުގެ އިތުރުން އެރަށުގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަސްވެސް މިވަގުތު ހުރީ ކޯވިޑް ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން އެމީހާ ބުނީ މިނިސްޓްރީ ތަކުން މިކަންކަމަށް ފަރުވާތެރިވާން ވެއްޖެ ކަމަށެވެ. އަދި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ކުރިން މިކަންކަމަށް ހައްލެއް ގެނައުމަށްވެސް އެފަރާތުން ވަނީ ކަންބޮޑުވުމާއިއެކު އެދިފައެވެ.
އެހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ށ ، ނ އަދި ރ އަތޮޅުންވެސް މީހުން އާދެއެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްގެ ފެންވަރު ހުންނަން ޖެހޭނީ މިދަރަޖައިގެ ނޫން ކަމަށް ޤަބޫލު ކުރާ ކަމަށް އެމީހާ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!