ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނީ "ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން" ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން އުފައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ އިއްޔެ ނިންމަވައިފިއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް
ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދިވެހި ސަރުކާރުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ
''ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމުގެ އޮޕަރޭޓަރެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭނެ މި ކުންފުނިވެގެންދާނީ އެންއައިޓީ ވިއުގައަކުން އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ކްލިއަރ ކުރުމަށް ހުށަހަޅާ ޑިކްލަރޭޝަންތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހަލުވިކަމާއެކު ޕްރޮސެސްކޮށްދޭނެ ނިޒާމަކަށެވެ.

Ad
rt

އެހެން ކަމުން މި ނިޒާމުގެތެރެއިން، ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވޭ މުޢާމަލާތްތައް، ފަސޭހަކަމާއެކު ކުރުމަށް އެހީތެރިވެދޭނެއެވެ.

މީގެ އިތުރުން ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން، ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއްގެ އައިޓީ ސިސްޓަމް ތައް، އެއްވިއުގައެއްގެ ގޮތުގައި ގުޅުވާލެވިގެންދާނެއެވެ. މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީގެ އޮފް ޑިފެންސްގެ އައިޓީ ނިޒާމުތައް ގުޅުވާލެވިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މި ނިޒާމު ޤާއިމުވެގެން ދިއުމާއެކު، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ސަރުކާރުގެ އެކި އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށް، އެ އިދާރާތަކަށް ޒިޔާރަތްކޮށް ވަކިވަކިން ހޯދަންޖެހޭ ގޮތަށް މިހާރު އޮތް އޮތުން ނިމުމަކަށް ގެނެވި، އޮޓަމޭޓްކުރެވިފައިވާ ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ބޭނުންވާ ޑިކްލަރޭޝަނާއި، ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކަށް އޮންލައިންކޮށް ހުށައެޅުމުގެ އިތުރުން، ޑިއުޓީ އަދި އެހެނިހެން ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ވިޔަފާރިވެރިންނަށް ފަހިވެގެންދާނެއެވެ. އެހެންކަމުން، ޓްރޭޑާނެޓް މޯލްޑިވްސް ކޯޕަރޭޝަންއިން ދެވޭ ޚިދުމަތްތަކާ ގުޅިގެން، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ވިޔަފާރިތަކުން ހޭދަކުރާ ވަޤުތާއި ޚަރަދު ކުޑަކުރެވި، މީގެ ނަފާ ދިވެހި ވިޔަފާރިވެރިންނަށާއި ކޮންސިއުމަރުންނަން ކުރިމަގުގައި ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ނިޒާމުގެ ސަބަބުން، ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވި، މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ރެގިއުލޭޓަރީ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެއެވެ. ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިޔަށް ދާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2020 ގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި އަދި 2 ވަނަފިޔަވަހީގެ މަސައްކަތްތައް 2021 ގެ ނިޔަލަށް ނިންމާލުމަށް ތާވަލުކުރެވިފައިވާއިރު، މި ފިޔަވަހި ނިމޭއިރު، ބޯޑަރުގައި ހަރަކާތްތެރިވާ 7 މުއައްސަސާއެއްގެ އައިޓީ ނިޒާމުތައް ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން ގުޅުވާލެވިގެންދާނެއެވެ،
ސިންގަލް ވިންޑޯގެ ނިޒާމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް އެފަރާތުގެ މެއިލް international@trade.gov.mv އަށް އީމެއިލްކުރެއްވުން މަށް އެފަރާތުން ވަނީ އެދިފައެވެ،