ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެ ށ. އަތޮޅުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި މުބާރާތުގެ ވަނަތައް ޙާސިލްކުރި ފަރާތްތަކަށް އިނާމް ދިނުން އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ވެރިރަށް މާލެގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި މި މުބާރާތުގައި ށ. އަތޮޅު ބައިވެރިވި ދަރިވަރުންގެ ތެރެއިން ށ. އަތޮޅުގެ ސްކޫލްތަކުން 4 ދަރިވަރަކު ވަނީ ރަންވަނަތަކެއް ހޯދާފައެވެ. އެއީ ށ. މިލަންދޫ ސްކޫލްގެ ދެ ދަރިވަރަކާއި ށ. އަތޮޅު ސްކޫލްގެ ދަރިވަރެއްގެ އިތުރުން ށ. ފުނަދޫ ސްކޫލްގެ ދަރިވަރެކެވެ.
އެގޮތުން މިލަންދޫ ސްކޫލްގެ ދަރިވަރެއް ކަމަށްވާ ފާތިމަތި ސިލީން އަހުމަދު އާތިފް ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 12 އަހަރުގެ ދަށުގެ އުމުރުފުރައިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އަދި ހުރިހާ އުމުރުފުރައަކުން ނުބަލައި ކިޔެވުމުގެ ގޮފިން ފަޚްރުވެރި 1 ވަނަ ހޯދާފައެވެ.
މީގެ އިތުރުން މިލަންދޫ ސްކޫލްގެ ދަރިވަރު މުޙައްމަދު ޝާއިޙް އަޙްމަދު ޝިހާމް ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައެވެ.

ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްއިން ފަޚުރުވެރި ވަނައެއް ހާސިލްކޮށްފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ބައިން 6 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ މަރްޔަމް އީޝަލް އަޝްރަފްއެވެ. އަދި ފުނަދޫ ސްކޫލްގެ ދަރިވަރެއް ކަމަށްވާ މަލްސާ ޢީސާ ވަނީ ކައުންސިލްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައެވެ.
މިދަރިވަރުން ހޯދާފައިވާ ކަމިޔާބީ ފާހަގަ ކޮށް ށ. އަތޮޅުކައުންސިލުން ވަނީ އެ ކައުންސިލް މެންބަރުންނާއި، މުވައްޒަފުން އަދި ށ. އަތޮޅު ރައްޔިތުންގެ ނަމުގައި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!