ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 އޭޕްރިލް 2022 އިން 19 އޭޕްރިލް 2022 އަށެވެ. މި ޕްރޮގްރާމުގައި ހިމެނިގެން ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 މާޗް 2022 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގައި ނަން ނޯޓްކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ހިރިމަރަދޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ ޖަމާއަތްތެރިކަމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޖަމާއަތްތެރިކަމާއި ގުޅުންހުރި ސައްހަ މަޢުލޫމާތު އެ ރަށުގެ ދެ ޖިންސުގެ ހުރިހާ އުމުރުފުރާއަކަށް ވެސް ފޯރުކޮށް ދިނުން ކަމަށެވެ. އަދި ހާއްސަކޮށް މިކަމުގެ މަޢުލޫމާތު ޒުވާނުންނަށް ފޯރުކޮށްދީ ޒުވާނުން މިކަމަށް އަހުލުވެރި ކުރުވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!