އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އެ ކޮމެޓީން އެ ނަންތައް ދިރާސާކުރުމަށް ކުރިއަށް ގެންދެވި މަރުހަލާއަށްފަހު މިއަދު ވަނީ ކޮމެޓީ ރިޕޯޓުގައިވާ ގޮތަށް އެ ނަންތަކަށް ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައެވެ.
މަޖިލީހުގައި 87 މެންބަރުން ހިމެނިވަޑައިގަންނަވާއިރު އެ ނަންތަކަށް ރުހުންއޮތްތޯ ބެލުމަށް ވޯޓަށް އެހިގަޑީގައި ޖަލްސާކުރާ މާލަމުގައި ތިއްބެވީ 44 މެންބަރުންނެވެ. ނަމަކަށް ރުހުން އޮތްތޯ ބަލަން ބޭނުން ވަނީ 22 ވޯޓެވެ.
އޭސީސީއަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދެއްވި ނަންތައް
- އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި، ފެންނަކަމަށް 42 ވޯޓު
- އަބްދުއްސަލާމް، ހަވާ، ށ. ނަރުދޫ، ފެންނަކަމަށް 43 ވޯޓު
- ތާހާ މުހައްމަދު، ކަޅިހާރުގެ، އދ. މާމިގިލި، ފެންނަކަމަށް 40 ވޯޓު
- ޝަޒްނާ ހާޝިމް، ރިހިވިލު، ހދ. ނޮޅިވަރަންފަރު، ފެންނަކަމަށް 42 ވޯޓު
- ޝިޔާމާ މުހައްމަދު، ނާރެސް، ރ. ހުޅުދުއްފާރު، ފެންނަކަމަށް 42 ވޯޓު
އޭސީސީގައި ކުރިން ތިއްބެވި 5 މެމްބަރުންގެ ތެރެއިން 3 މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފައިވައި ވަނިކޮށެވެ. އަދި އެއީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ދެވަނަ ފަހަރެވެ. ކޮމިޓީއަށް ހުށައެޅުމުގެ ކުރިން އެމަގާމުގައި ތިއްބެވި 2 ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަަކަށްޓަކައި ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމިޓީއިން ނިންމީ އެކަށީގެންވާ މިންވަރަށް މަސައްކަތްތަކެއް ނުކުރެވޭތީއެވެ. ނަމަވެސް އިސްތިއުފާދެއްވި ބައެއް މެންބަރުން ވަނީ އެކަމާ އިންކާރު ކުރަށްވާފައެވެ.
އޭސީސީގައި މެންބަރެއް ނެތުމުން މިވަގުތު އެ ކޮމިޝަން އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!