ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، ދައްޕަރަށް އަރާފޭބުމާއި އެ ރަށުގައިވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުސޫލް ފިއްލަދޫ ކައުންސިލުން އާންމުކޮށްފިއެވެ.

ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ދައްޕަރު ބެލެހެއްޓުމާއި އެ ސަރަހައްދުގައިވާ އެންމެހާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެން ކައުންސިލަށް އާމްދަނީއާއި މަންފާ ހޯދުމެވެ. މީގެއިތުރުން ދައްޕަރުން އެކި ބޭނުންތަކަށް، ތަކެތި ބޭނުން ކުރުމާއި އެ ރަށަށް އަރާފޭބުމުގައި ކައުންސިލުން އިންތިޒާމްކޮށް އަންގާ އެންމެހާ އުސޫލްތަކުގެ މަތީން އެންމެހާ ކަންކަން ބެލެހެއްޓުމަކީ ވެސް މި އުސޫލް އެކުލަވާލުމުގެ މަޤުޞަދެއްގެ ގޮތުގައި އެ ކައެންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

Ad
rt

ދައްޕަރުގައި ހުރި ރުއްގަސް ފަދަ ތަކެތި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ވިއްކުމަށް އެ ކައުންސިލުން ނިންމާފައިވާއިރު އެ ތަކެތި ވިއްކާނެ އަގުތަކުގެ ތަފްސީލް މި އުސޫލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ފަތުރުވެރިން ދައްޕަރު ބޭނުންކުރާނަމަ ނަގާނެ ފީތަކުގެ ތަސްސީލް ވަނީ ހިމަނާފައެވެ. މިގޮތުން ޓްއަރިސްޓް ޔޮޓް ނުވަތަ ސަފާރީ ދައްޕަރު ފަޅުގައި މަޑުކުރާނަމަ ދުވާލަކަށް 155 ރުފިޔާ އަދި ދައްޕަރަށް އަރާފައިބާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނެގުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ދައްޕަރަށް އެއްވެސް ބޭނުމެއްގައި ހއ.ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުމަކީ މަނާކަމެ ކަމަށް ކަނޑައަޅާފައިވާއިރު، އާއިލާ އަދި ރަހުމަތް ތެރިންނާއިއެކު ޕިކްނިކް ދަތުރުތަކާއި، ސަރުކާރު އޮފީސް ތަކާއި ސްކޫލް ތަކުގެ ބޭނުނުމަށް ދަރިވަރުން ގޮވައިގެންދާ ދަތުރުތަކުގައި، އެ ކައުންސިލްއިން އަންގާފައިވާ އުޞޫލްތަކާއި ހިލާފްނުވާ ގޮތަށް އެއްވެސް އުޖޫރައަކާއި ނުލާ އެ ރަށް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ.

މޫސުން ގޯސްވުމުގެ ސަބަބުންނާއި ދަތުރުމަތީގައި ކަނޑުއުޅަނދު ފަހަރަށް ދިމާވާ މައްސަލައެއްގެ ސަބަބުން އެ ސަރަހައްދުގެ ފަޅުބޭނުން ކުރާފަރާތްތައް އެމެޖަންސީ ހާލަތެއްފިޔަވާ ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި ދައްޕަރަށް ފޭބުމަކީ ވެސް މަނާކަމެކެވެ.

ފިއްލަދޫ ކައުންސިލުން އާންމު ކޮށްފައިވާ އުސޫލާއި ޚިލާފުވާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުނުގެ 22 ވަނަ މާއްދާގެ (ޕ) ގައި ވާގޮތަށް އަމަލުކޮށް، އެ ޤާނޫންގެ 140 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.