ހދ ނޭކުރެންދޫ ކުޑަ ކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް މައޫޒު އިބްރާހިމް ވިދާޅުވީ މިއީ ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތެއް ކަމަށެވެ. މައޫޒު އިތުރަށް ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ މި ޕާކުގެ ސަބުބުން ތުއްތު ކުދިން މައިންބަފައިންނާއެކު ގޮސް އުފާވެރި ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާ ކުޅެލާ ހެދުންކަމަށެވެ. މިފަދަ ޕާކެއް ރަށުގަ ހުރުމަކީ ކުޑަކުދިން ވަރަށް އުފާވާނެ ކަމެއްކަމަށްވެސް މައޫޒު ވިދާޅުވިއެވެ.
މައޫޒު ވިދާޅުވީ މިއީ ކައުންސިލް މާލިއްޔަތުން ހަރަދުކޮށްގެން މަރާމާތުކުރި ޕާކެއްކަމަށެވެ. އެގޮތުން ޖުމްލަ 220000 (ދެލައްކަ ވިހިހާސް) ރުފިޔާ ޕާކުގެ މަރާމާތައް ހަރަދުކުރެވިފައި ވާނެކަމަށެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޕާކަށް ބޭނުންވާ ސާމާނު ގެނައީ ނިބާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެނެވެ. މިމަސައްކަތުގައި އެހީތެރިވެދީފައިވާ ހުރިހާ ފަރާތްތަކަށް މައޫޒުވަނީ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!