ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މިއަދު ސާފުކޮށްފައިވަނީ އެރަށު "އޮލިގެ" މަގާއި ދިމާލުގައިވާ ގޮނޑުދޮށެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:15 އިން 08:30 އާ ހަމައަށެވެ.

ރީޝާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިހަރަކާތުގައި ރައްޔިތުންވެސް ބައިވެރިކުރަން ވިސްނާފައިވާ ކަމަށެވެ. އަދި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުތެރެ ސާފުކޮށް ބޭއްވުމާއިއެކު ޕްލާސްޓިކް ތަކެތި ނައްތާލުން ކަމަށް ރީޝާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުންވެސް އެކޮމިޓީގެ ފަރާތުން ރައްޔިތުންނަށް އަދި ރަށުގެ ތަރައްޤީއަށް ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ކަނބަލުންނަށް ހާއްސަ ކޯސްތަކަކާއި ރަށުތެރެ ސާފްކުރުމުގެ ހަރަކާތްތަކެއްގެ އިތުރުން ރަށުގައި ޕިކްނިކް އޭރިއާއެއް ޤާއިމް ކުރުން ހިމެނެއެވެ.