ކޮވިޑް 19 ގެ ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް މިސްރާއި ޗައިނާއިން ފަލަސްތީނަށް 500،000 ވެކްސިން ހަދިޔާކޮށްފިއެވެ.

ޗައިނާ އެމްބަސީ އަދި މިސްރުގެ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިސްރުގެ ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިންތަކެކެވެ. އަދި ފަލަސްތީންގެ ރައްޔިތުން ކޮވިޑް 19 އިން ދިފާޢުވުމަށް ވެކްސިން ހަދިޔާކޮށްފައިވާކަމަށް އެމްބަސީއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ހާމަކޮށްފައިވެއެވެ.

Ad
rt

މިކަން އިޢުލާންކޮށްފައިވަނީ މިސްރުގެ ވަކްސެރާސް ހެޑްކުއާޓާޒްގައި ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައި މިސްރުގެ ފަރާތުން ބައިވެރިވެފައިވަނީ އެކްޓިން ހެލްތް މިނިސްޓަރ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓާ ޚާލިދް އަބްދުލް ގައްފާރު އަދި ޗައިނާގެ ފަރާތުން ބައިވެރިވެފައިވަނީ ޗައިނާއިން މިސްރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިއާއޯ ލިގިއަންގްއެވެ.

ޗައިނާއާއި ގުޅިގެން މިސްރުން މިހާތަނަށް 30 މިލިއަން ވެކްސިން އުފައްދާފައިވާނެކަމަށާއި މި ވެކްސިން އަކީ ރައްކާތެރި އަދި އިތުބާރު ހިފޭނެ ވެކްސިންއެއްކަމަށް މިސްރުގެ މިނިސްޓަރ ޚާލިދް އަބްދުލް ގައްފާރު ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނަށް ހަދިޔާ ކުރެވޭ ވެކްސިން އަކީ މިހާތަނަށް އުފައްދާފައިވާ ވެކްސިންގެ ތެރެއިން ބޭރު ގައުމަކަށް ވެކްސިން ހަދިޔާ ކުރެވޭ ފުރަތަަމަ ފަހަރުކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ސަފީރު ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ، ބައިނައްލަޤްވާމީ ގޮތުން ކުރެވޭ ފުރަތަމަ ޑޮނޭޝަންކަމަށާއި ގާޒާއަށް ކޮވިޑްގެ ނުރައްކަލުން ސަލާމަތްވުމަށް ވެދެވޭ އެހީތެރިކަމާއި މެދު އުފާކުރާކަމަށް ވިދާޅުވިއެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިސްރާއި ގުޅިގެން ޗައިނާއިންކޮށްފައިވާ ވަރަށްވެސް މުޙިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ކަމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާއާއި މިސްރުން ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށް އެކަމާއި އުފާކުރާކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.