ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020'' ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހދ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ.

ކުރިނބީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ރޭންކިންގެ 2 ވަނަ ހޯދާފައެވެ. އެ އަހަރު އެއްވަނަ ހޯދި ނެއްލައިދޫ މިފަހަރު ވަނީ ދެވަނައިގައި ހިމެނިފައެވެ.

Ad
rt

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.

މިގޮތަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ. މި އިންޑެކްސްއިން ލިބޭ ނަތީޖާއަށް ބަލައި ކައުންސިލްތައް ރޭންކް ކުރުމުގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އެލްޖީއޭއިން ބުނެފަވެއެވެ.

2020 ވަނަ އަހަރު ހދ. އަތޮޅުގެ ރޭންކިން

  1. ކުރިނބީ ކައުންސިލް
  2. ނެއްލައިދޫ ކައުންސިލް
  3. ވައިކަރަދޫ ކައުންސިލް
  4. ނައިވާދޫ ކައުންސިލް
  5. ހިރިމަރަދޫ ކައުންސިލް
  6. ނޭކުރެންދޫ ކައުންސިލް
  7. ކުމުންދޫ ކައުންސިލް
  8. ނޮޅިވަރަމު ކައުންސިލް
  9. ނޮޅިވަރަންފަރު ކައުންސިލް
  10. ފިނޭ ކައުންސިލް
  11. ހަނިމާދޫ ކައުންސިލް
  12. ކުޅުދުއްފުށީ ކައުންސިލް
  13. މަކުނުދޫ ކައުންސިލް

2019 ވަނަ އަހަރު ހދ. އަތޮޅުގެ ރޭންކިން

  1. ނެއްލައިދޫ ކައުންސިލް
  2. ކުރިނބީ ކައުންސިލް
  3. ވައިކަރަދޫ ކައުންސިލް
  4. ނައިވާދޫ ކައުންސިލް
  5. ނޭކުރެންދޫ ކައުންސިލް
  6. ހަނިމާދޫ ކައުންސިލް
  7. ކުޅުދުއްފުށީ ކައުންސިލް
  8. ނޮޅިވަރަމު ކައުންސިލް
  9. ހިރިމަރަދޫ ކައުންސިލް
  10. މަކުނުދޫ ކައުންސިލް
  11. ނޮޅިވަރަމު ކައުންސިލް
  12. ފިނޭ ކައުންސިލް
  13. ކުމުންދޫ ކައުންސިލް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދުވެ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރެވުމާއި ގުޅިގެން ލޯކަލް ކައުންސިލްތައް އުފެދި،
އެކައުންސިލްތަކުގެ ހަރަކާތްތައް ވަނީ ހިންގަން ފަށާފައެވެ. އެކައުންސިލްތަކުގެ މަސައްކަތް މޮނީޓާކޮށް، ކައުންސިލްތަކަށް އެހީތެރިވެދީ، ފަންނީ އެހީ ފޯރުކޮށްދިނުމަކީ އެލްޖީއޭގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ލާމަރުކަޒީ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން ގާނޫނުން އެލްޖީއޭއާއި މަތިކޮށްފައިވާ މި ޒިންމާ އަދާކުރުމަށްޓަކައި ކައުންސިލް މަސައްކަތުގެ ފެންވަރު ދެނެގަނެ، މަސައްކަތްތައް މޮނީޓާކޮށް، އަދި ވިލަރެސް ކުރުމުގެ
މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެލް.ޖީ.އޭއިން އަންނަނީ ކައުންސިލްތައް މޮނީޓާކޮށް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ދިރާސާކޮށް، އެމައްސަލަތައް
ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި ޚާއްސަ އިންޑެކްސްއެއް ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.