ކޮޗިން ފެރީގެ ދަތުރުތައް ކުރަނީ ރާއްޖޭގެ އުތުރަށް ނަމަވެސް، އެ ފެރީން ގެންނަ "އޮރެންޖް"ތައް ލިބެނީ އުތުރުގެ ރައްޔިތުންނަށް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގެ ދަށުން މިއަދު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސް ޔާމީން ވިދާޅުވީ، ކޮޗިން ފެރީއަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހެޔޮ އަގުގައި މުދާ ގެނައުމަށް ފެށި ދަތުރުތަކެއްކަމަށް އެ ފެރީގެ ދަތުރުތައް ފަށަންއުޅުނުއިރު ސަރުކާރަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވާކަށް އަޑު އިވިވަޑައިގަތްކަމަށެވެ.

އެ ފެރީ އަންނަން އުޅުނު އިރު އިވުނު އަޑަކީ 5 ރުފިޔާއަށް ހުރި އޮރެންޖް 1 ރުފިޔާއަށް ތިރިވާ ވާހަކަ ކަމަށާއި، ކޮޗިން ފެރީ އަންނަނީ އުތުރަށް ނަމަވެސް މައްސަލައަކީ އެ ފެރީން ގެންނަ "އޮރެންޖުތައް" އުތުރުގެ ރައްޔިތުންނަށް ނުލިބޭތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ކޮޗިން ފެރީ މިއަންނަނީ އުތުރަށް، އެކަމަކު އުތުރުގެ މީހުންނަކަށް ނޫން އިންޑިއާއިން މިގެންނަ އޮރެންޖް ލިބުނީ، އިހަށްދުވަހު "800 ކިލޯ އޮރެންޖް" ކޮޗިން ފެރީން އެ ގެންދިޔައީ ހައްދުން މައްޗަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ "އޮރެންޖްތައް" އަޅާފައި ހުރީ ދަގަނޑު ފޮށިތަކަކަށް ނަމަވެސް، އޭގައިހުރީ ހަގީގަތުގައި ވެސް އޮރެންޖްތޯ ނޫނީ އެހެން އެއްޗެއްތޯ ބަލަން ދިވެހި ސަރުކާރުން މަސައްކަތް ނުކުރަށްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އުތުރުގެ ރައްޔިތުން ކޮޗިން ފެރީ އަންނާތީ އުފަލުން ތިބި ތިބުން އެ އައީ ނިމުމަކަށް، އެއް އަހަރު ވީއިރު ދިވެހި ސިފައިން އުފުލާދިނީ ކޯއްޗެއްކަމެއް ނޭނގޭ، ދަގަނޑު ފޮށިތަކުގައި އުފުލި އެއްޗެއް އުފުލީ ހައްދުންމައްޗަށް، ދިވެހި ސިފައިން ބުނާނެ ތިމަންމެން އަތުގައި ބާރުއެބައޮތޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޕީޕީއެމް، ޕީއެންސީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ ދިވެހި ރައްޔިތުންގެ ޙައްޤުތައް އިންޑިއާ ކަނޑުގެ އެންމެ ދުރު މިނަށް ބޮނބިކޮޅެއް އޮޔާ ދާހެން ދާން ދޫކޮށްލައިގެން ކަމަށެވެ. އަދި އިދިކޮޅުން އެވަރަށް އިޖްތިޖާޖުކުރާއިރު އެއްވެސް އެއްޗެއް ބުނަން ނުކުރޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ ދިވެހި ރައްޔިތުންނަށް ޣައްދާރުވެގެން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.