ޔުއެފާ ޔޫރަޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ބުރުން ބާސާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއެކު ރޭ ލިބުނު މޮޅާއިއެކު ބާސާއަނެއް ބުރަށް ކޮލިފައިވެފައި ވަނީ 5-3 ގެ އެގްރިގޭޓް ނަތީޖާއިން އިން ނަޕޯލީ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގައި ބާސާއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 8 ވަނަ މިނެޓުގައި އެޑަމާ ޓްރައޯރޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖޯޑީ އަލަބާއެވެ. ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްފައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެންކީ ޑި ޖޮންއެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީން، އެ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ ލޮރެންޒޯ އިންސީނިއޭއެވެ. ނަޕޯލީން ފަރަގު ކުޑަކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖެރާޑް ޕީކޭއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އެޑަމާ ޓްރައޯރޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޮބާމަޔަން ލަނޑުޖަހައި ބާސާއަށް ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ނަޕޯލީން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޕޮލިޓާނޯއެވެ.
ޔޫރަޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު، ރެއާލް ބެޓިސްއާއި ޒެނިތު ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަމަވެސް ފުރަތަމަ ލެގުގައި މި ދެ ޓީމް ވާދަކުރި މެޗު ނިމިފައި ވަނީ 3-2 ގެ ނަތީޖާއިން ރެއާލް ބެޓިސް މޮޅުވެގެންނެވެ. ވުމާއެކު މުބާރާތުގެ ގަދަ 16 ބުރުން ބެޓިސްއަށް ވަނީ ޖާގަ ލިބިފައެވެ.
ރޭންޖާސް ވަނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ކަޓުވާލައި މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދާފައެވެ. މި ދެ ޓީމް ފުރަތަމަ ލެގުގައި ޑޯޓްމަންޑްގެ ދަނޑުގައި ވާދަކުރި މެޗު ރޭންޖާސްއިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ރޭ ރޭންޖާސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއެކު 6-4 ގެ އެގްރިގޭޓް ނަތީޖާއިން ރޭންޖާސްއަށް ވަނީ ކުރި ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!