ވަޒީރުންގެ މަޖިލީހުން "ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026" ފާސްކުރަށްވައިފިއެވެ.
މި އެކްޝަން ޕްލޭން ފާސްކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ވަނީ އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވާފައެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ޖެންޑަރ އިކުއަލިޓީ ޤާނޫނުން ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކުލަވާލާފައިވާ 5 އަހަރުގެ އެކްޝަން ޕްލޭނެކެވެ.
ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި އެކްޝަން ޕްލޭން ތަންފީޒުކުރެވިގެންދާނީ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން މި އެކްޝަން ޕްލޭން ތަންފީޒުކުރާ އެކި އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ކުންފުނިތަކުގެ ފަންނީ އިސް މުވައްޒަފުން ހިމެނޭގޮތަށް ޓެކްނިކަލް ކޮމެޓީއެއް ވެސް އެކުލަވާލެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފަވެއެވެ.
ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ ދަށުން ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީއެއްވަނީ އެކުލަވާލާފަވާއިރު، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ މި ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.
ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީގެ އަމާޒަކީ ހަމަހަމަ މުޖްތަމަޢެއް ބިނާކުރުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ފުރުޞަތުތަކަށް ވާޞިލުވުމުގައި ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމެވެ. އަދި ހުރިހާ އިދާރާތަކުގައި ޖެންޑަރ މެއިންސްޓްރީމް ކުރުމަށް މި ސިޔާސަތުގައި ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!