ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

Hassan Ahmed

ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ.

1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރުއެވެ. މެދުކެނޑުމެއްނެތި 44 އަހަރު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވައި އެންމެންގެ ލޯތަބާއި އިޚްތިރާމާއިއެކު ވަޒީފާއިން ރިޓަޔަ ކުރައްވާފައި ވަނީ ދެ ޕެންޝަނާއިއެކު 2008 ވަނަ އަހަރުއެވެ.

ހަސަންބެއަކީ ސިއްހީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ރާއްޖެ ދުއް ތަފާތު ބަލިމަޑުކަމާއި ކެރިގެން ކުރިމަތިލައި އެ ބަލިމަޑު ކަމުން އަރައިގަތުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ހީވާގި ބޭފުޅެކެވެ. މިގޮތުން ރާއްޖޭން ލެޕްރަސީ، މެލޭރިއާ، ފައިލޭރިއާގެ އިތުރުން ސިގެއްލާ ފަދަ ބަލިތައް ތަހަންމަލު ކުރަން ޖެހުނު ފަރާތްތައް ތިބި ރަށްރަށަށް ދަތުރު ކުރައްވައި ފަރުވާ ދެއްވުމުގައި ހަސަންބެ ވަނީ ބައިވެރިވެ ލައްވާފައެވެ.

ހަސަންބެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވަޒީފާއާއި ގުޅިފައި ވަނީ 1968 ވަނަ އަހަރުއެވެ. އެ ހޮސްޕިޓަލުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ގިނަ މަޤާމްތަކެއް ވަނީ އަދާކުރައްވާފައެވެ. މިގޮތުން ހަސަންބެ ވަނީ ސީނިއާ ހެލްތު އެސިސްޓެންޓާއި، ސުޕަރ ހެލްތު އެސިސްޓެންޓާއި، ޕަބްލިކް ހެލްތު އޮފިސަރުގެ އިތުރުން ސީނިޔާ ހެލްތު އޮފިސަރު މަޤާމް އަދާކުރައްވާފައެވެ.

ހަސަންބެގެ ހަ ދަރިން ދުނިޔޭގައި ތިބިއިރު އޭގެ ތެރޭގައި ސިއްހީ ދާއިރާއިން ތަޢުލީމް އުނގެނިގެންތިބި ތިން ކުދިން އެބަތިއްބެވެ. މިގޮތުން ހަސަންބެގެ ދަރީންގެ ތެރޭގައި މެޑިކަލް ޑޮކްޓަރަކާއި ނަރުހަކާއި ލެބޯޓަރީ ޓެކްނީޝަނެއް އެބަތިއްބެވެ.

ހަސަންބެ މި ފަނާވަނިވި ދުނިޔެއާ ވަކިވެފައި ވަނީ އުމުރުން 78 އަހަރުފުޅުގައި، 14 ފެބްރުއަރީ 2022 ހޯމަ ދުވަހުއެވެ.

ސިއްހީ ދާއިރާގެ ޚިދުމަތްތެރިޔާ ހަސަންބެ ނިޔާވުމާއި ގުޅިގެން އެ ދާއިރާގެ އުތައްބައެއްގެ އިތުރުން ހެޔޮއެދޭ އެތައްބަޔަކު ވަނީ ހިތާމަ ފާޅުކޮށް އެ ބޭފުޅުންގެ ޝުޢޫރު ސޯސަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ.

މިގޮތުން ހެލްތު މިނިސްޓްރީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ފުރާނަ ސަލާމަތް ކޮށްދެއްވުމުގެ މަތިވެރި ޚިދުމަތުގައި މުޅި ޢުމުރު ހޭދަކުރެއްވުމަށްފަހު  އެބޭފުޅާ މި ދުނިޔެއާއި  ވަކިވެ ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކަމަށެވެ. އަދި އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ހިތާމައިގައި ބައިވެރިވެވެ ލައްވާކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް ވިދާޅުވެފައި ވަނީ ސެންޓަރު ހަސަންބެ އަކީ ކުޅުދުއްފުށީގެ ޒަމާނީ ސިއްހީ ހިދުމަތުގެ ބާނީކަމަށެވެ. ދުނިޔެ ދުށް އަނދިރި ދުވަސްތަކުން ފެށިގެން އެތަކެއް އަހަރު ތަކެއް ވަންދެން ކުޅުދުއްފުއްޓާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި ދެމިހުންނަވައި، އަޅުގަނޑުމެންނާއި އަލްވަދާއު އެކީ އަގުނުކުރެވޭނެ ހިދުމަތެއް ފޯރުކޮށްދިނުމަށް ފަހު އަބުރުވެރި ހަޔާތެއް ހޭދަކުރައްވާފައި ކަމަށެވެ.‏

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ދާއޫދު ވިދާޅުވެފައި ވަނީ އުމުރުގެ ބޮޑު ބައި ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ އަދި ދިވެހިރާއްޖެއާއި، މި ބޮޑު ތިލަދުންމަތި އަދި ކުޅުދުއްފުށީގެ ސިއްހީ ދާއިރާގެ މައި އެއް ތަނބު ކަމުގައިވާ ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) ނިޔާވި ހަބަރު އަޑު އެހީ ވަރަށް ފުން ހިތާމައާއިއެކު ކަމަށެވެ.

ހދ.އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުﷲ އަސަދު ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ސެންޓަރު ޙަސަންބެއަކީ އަޅުގަނޑުމެންގެ މަންމަ އާއި ބައްޕަގެ ވަރަށް ގާތް ޢާއިލާ ބޭފުޅެއް ފަދަ ބޭފުޅެއް ކަމަށެވެ. ބައްޕައާއި އެއްކުލާހެއްގައި އުޅުއްވި ޒަމާންވީ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. އަދި ހަސަންބެގެ ހުރިހާ ކުދިންނާއި އަބަދުމެ އޮންނަނީ ވަރަށް އުޚުއްވަތްތެރި ގާތް ގުޅުމެކަމަށެވެ.

ހަސަންބެ ނިޔާވުމާއި ގުޅިގެން ހަސަންބެގެ ހިތްހެޔޮކަމާއި ދިރިއުޅުއްވުމުގެ ސާދާކަމާއި، ހަސަންބެގެ ޚިދުމަތް ފާހަގަކޮށް ހަސަންބެއަށް ހެޔޮ ދުއާކޮށް އެތައްބަޔަކު މިފަދަ މެސެޖްތައްވަނީ ސޯސަލް މީޑީއާއަށް ދޫކޮށްލާފައެވެ.

މަރްޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި! އާމީން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި