ޓެކްނޮލޮޖީގެ އާ އީޖާދަކާއެކު އެމްއެޗް370 އަށް ވީ ގޮތް އެނގޭނެކަމުގެ އުއްމީދު އާވެއްޖެއެވެ.
ބޭރުގެ ޙަބަރުތައް ބުނާ ގޮތުން އޮސްޓްރޭލިއާގެ ސޭފްޓީ އިންވެސްޓިގޭޓަރުން ވަނީ އެމްއެޗް370 ގެ ތަހުގީގު އަލުން ފަށައިފައެވެ.
މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ.
އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014ގައެވެ. ނައްޓަލިތާ 38 މިނެޓް ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން މެދުކެނޑުނެވެ. އެއަށްފަހު ފްލައިޓް ވަނީ ގެއްލިފައެވެ.
އިނގިރޭސިވިލާތުގެ އެއިރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ރިޗާޑް ގޮޑްފްރީ ގަބޫލު ކުރާ ގޮތުގައި އެ ފްލައިޓް ވެއްޓުނީ ޕާތާ ދެކުނަށް 1933 ކިލޯމީޓަރު ދުރު ކަނޑަށެވެ. އަދި ފްލައިޓް އޮތީ އެ ސަރަހައްދުގެ 4000 މީޓަރު އަޑީގައި ކަމަށްވެސް އޭނާ ގަބޫލު ކުރެއެވެ.
އޭނާގެ ރިޕޯޓާއެކު ކުރީގެ ޑޭޓާތައް ބަލައި ތަހުގީގުތައް ވަނީ ފަށައިފައެވެ. ގޮޑްފްރީ ބުނި ގޮތުގައި ރޭޑިއޯ ޓެކްނޮލޮޖީ، ވީކް ސިގްނަލް ޕްރޮޕެގޭޝަން ރިޕޯޓާ (ޑަބްލިއުއެސްޕީއާރު) ބޭނުން ކޮށްގެން ފްލައިޓް ޓްރެކް ކުރެވިދާނެއެވެ.
އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯގެ އާ ޗީފް ކޮމިޝަނަރު އެންގަސް މިޝެލް ގަބޫލު ކުރާ ގޮތުގައި ގޮޑްފްރީގެ ވާހަކަތަކަކީ ގަބޫލު ކުރެވޭ ވާހަކަތަކެކެވެ. އެހެންވެ އެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފްލައިޓަށް ވީގޮތް ބަލަން އެ ބިއުރޯއިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!