ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ.
ށ. މެދުރަށާއި ށ.މައިރަށާއި ށ. ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހަޅަން މިދިޔަ މަހު ސަރުކާރުން އިއުލާންކުރީ ރިސޯޓް ހެދުމަށްޓަކައި ގިނަ ރަށްތަކެއް މިދިޔަ އޮކްޓޫބަރު މަހު ދޫކުރަން ނިންމާފައި ވަނިކޮށެވެ.
ބައި އިލެކްޝަނާ ދިމާކޮށް ކުއްލި ގޮތަކަށް ތިން ރަށް ކުއްޔަށް ދޫކުރަން ނިންމުމުން އިދިކޮޅުން ސަރުކާރަށް ފާޑުކިޔެވެ.
އެ ތިން ރަށުގައި ރިސޯޓް ހަދަން ކުއްޔަށް ދިނުން ކޯޓުން ހުއްޓުވީ އެރަށަކީ މާ ކުރިން ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކަށް ދޭން އެއްބަސްވެފައިވާ ކަމަށް ތިން ރަށް ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރުމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ތިން ރަށަކީ ލ. ގަސްފިނޮޅާއި ބޮޑުފިނޮޅުގެ ބަދަލުގައި އެ ކުންފުންޏަށް ސަރުކާރުން ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށްވާތީ އެހެން ބަޔަކަށް އެ ރަށް ނުދެވޭނެ ކަމަށެވެ.
ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އަންގާފައިވަނީ އެ ތިން ރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހަޅަން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން ސަރުކާރުގެ މައްޗަށް އަންގާ ކަމަށެވެ. އަދި އަމުރު ނުނެރެފި ނަމަ، ޕްރިމިއާ ކުންފުންޏަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!