ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި މޯލްޑިވްސް އިންޓެގްރޭޝަން ރޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ޔޮޓު ރެލީގައި، ހއ. ހޯރަފުށީގައި ޔޮޓްތައް ބަނދަރުކުރުމުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ވޯޓަރ ސްޕޯޓްސް ޚިދުމަތްތައް ދޭނެ ފަރާތެއް ހޯދުމަށް ހއ. ހޯރަފުށި ކައުންސިލުން އިއުލާން ކޮށްފިއެވެ.
ހޯރަފުށި ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ސަވާދިއްތަ ދަތުރުގެ ފެށުމުގެ ރަސްމިއްޔާތުގެ ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންވެ އެކަން ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އެދުވަހު ތަފާތު ހަރަކާތްތަކެއް އެރަށުގެ ގޮނޑުދޮށުގައި ކުރިއަށް ގެންދަން ނިންމާފައިވާކަމަށާއި، އެ ހަރަކާތްތަކުގެ ތެރޭ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެގޮތުން އެހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކައުންސިލް އިދާރާގެ 6500012 ފޯނަށް ގުޅައި، ނަން ނޯޓް ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 5 އަދި 6 ވަނަ ދުވަހުއެވެ.
މީގެ އިތުރުން މިއިއުލާާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7965646 ނުވަތަ 9689022 ގުޅުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
ސަވާދިއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ފާހަގަ ކުރުމުގެ ގޮތުން އެމް.އައި.ޓީ.ޑީ.ސީ އިން ފެށުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޔޮޗް ރެލީ ދަތުރެކެވެ. މި ޔޮޓު ރެލީގައި ރާއްޖޭގެ 15 ރަށަކަށް ޔޮޓުތައް ދަތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރައްތަށް ވެސް ހިމެނެ އެވެ.
އެރައްތަކަކީ، ހއ. އަތޮޅުން އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު، އަދި ބާރަށާއި، ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި ސިޓީ، ކޭލަކުނާއި އަދި ށ އަތޮޅުން ފުނަދޫ، ނަލަންދޫ، ލަންދޫ އެވެ. މީގެއިތުރުން ބ. ތުޅާދޫއާއި، ހަނިފަރު ބޭ އާއި ބިލެއްދޫ ތިލައަށް ވެސް ދަތުރުކުރާނެ އެވެ.