އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރީ މުސްލިމަކަށްވާތީ ކަމަށް އިނގިރޭސި ވިލާތުގެ މަޖިލިސް މެންބަރު، ނުސްރަތު ޣަނީ ވިދާޅުވެއްޖެއެވެ.
އެމް.ޕީ ނުސްރަތު ޣަނީ ބައެއް ބައިނަލްއަގްވާމީ މީޑިއާތަކަށް ވިދާޅުވެފައި ވަނީ، 2020 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުކަމުން އޭނާ ވަކިކޮށްފައި އޭނާއަކީ މުސްލިމަކަށް ވުމުން ދީނީ ތަފާތުކުރުންތަކެއްގެ ތެރެއިން ކަމަށެވެ.
އޭނާ ބޭނުންފުޅުވަނީ މިކަން ވަރަށް ކައިރިން ބަލައި ތަހުޤީގުކޮށް މިމައްސަލަ ހައްލު ކުރުމަށް ކަމަށާއި، އަދި މިފަދަ އިތުރު މައްސަލައެއް މަތީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ކުރިމަތިނުވާނެ ފަދަ ގޮތަކަށް މިކަން ތަހުޤީގު ކުރުމަށް އޭނާ ވިދާޅުވެފަވެއެވެ.
މިމައްސަލަ ބެލުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އަރިހުގައި ދެންނެވުމުން، މިކަން ތަހުޤީގުކުރުމަށް ކޮންޒަވޭޓިވް ޕާޓީގެ މައްސަލަތައް ބަލައި ޕްރޮސެސްގެ ދަށުން މިމައްސަލަ ބެލުމަށް އަންގާފައިވާކަމަށް ވެސް ނުސްރަތު ޣަނީ ވަނީ ހާމަކުރައްވާފައެވެ. އަދި އޭނާގެ އަމިއްލަ ޕާޓީއިން ކަންތައްތައް ކޮށްފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހުންވެސް ފާޅުކޮށް ވާހަކަދައްކާފައިވެއެވެ.
ނަމަވެސް އިނގިރޭސި ޕާލިމަންޓް ސެކެޓްރީ މާކް ސްޕެންސާ ވަނީ އެކަން ދޮގުކޮށްފައެވެ. މިކަން އިތުރަށް ތަހުޤީގުކުރުމަށް ބޮޑު ވަޒީރާއި ބައްދަލު ކުރުމަށްވެސް އެމް.ޕީ ނުސްރަތު ޣަނީގެ އަރިހުގައި ދަންނަވާފައިވާކަމަށް ވެސް މާކް ސްޕެންސާ ހާމަކޮށްފައިވެއެވެ. ކޮންޒަވޭޓިވް ޕާޓީ އަކީ ދީނީ އަދި ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ޕާޓީއެއް ނޫންކަމަށާއި މިކަން ތަހުޤީގުކުރުމަށް ބޮޑު ވަޒީރު އަމިއްލަފުޅަށްވެސް ނުސްރަތު ޣަނީ އަށް ދައުވަތު ދީފައިވާކަމަށް ވެސް ޕާލިމަންޓް ސެކެޓްރީ ހާމަކޮށްފައިވެއެވެ. އަދި ނުސްރަތު ޣަނީގެ މި ތުހުމަތާއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެކަން އިތުރަށް ތަހުޤީގްކުރުމަށް ހިއުމަން ރައިޓްސްއަށް ގޮވާލާފައެވެ.
ކޮންޒަވޭޓިވް ޕާޓީގެ ވީލްޑަންގެ އެމް.ޕީ އެއްގެ އިތުރުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނުސްރަތު ޣަނީ ވިދާޅުވެފައިވާ ގޮތުގައި ކެބިނެޓް މީޓިން ތަކުގައި އޭނާ ދައްކަވާ ވާހަކަފުޅުތަކަކީ ދީނާ ގުޅުވައި ދައްކަވާ ވާހަކަތަކެއްކަމަށާއި، އޭނާ ޕާޓީއަށް ވަފާތެރި ނޫންކަމަށް އެތައް ފަހަރެއްގެ މަތިން އޭނާގެ ބޮލުގައި ތުހުމަތުއަޅުވާފަވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ކެބިނެޓްގެ އެހެން މިނިސްޓަރުން ހިތްހަމަ ނުޖެހުމުގެ ސަބަބުން 2020 ވަނަ އަހަރު އޭނާ މަޤާމުން ދުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މިކަމާއިގުޅިގެންޕާލިމެންޓް ސެކެޓްރީ މާކް ސްޕެންސާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މަގާމު ގެއްލުމުން އެކަންކުރީ އޭނާ ކަމަށް ނުސްރަތު ޣަނީ ތުހުމަތުކުރަނީ އޭނާއަށެވެ. ނަމަވެސް އެކަން އޭނާ ދޮގުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!