"ޅަ އިހަލަކުން ނާޅާތި!" ދާއިރާގެ ހުރިހާ ރައްޔިތުންގެ ވޯޓު ރާޑޯއަށްދީ: އާސިފް

Asif-foakaidhoo-raees

އެމްޑީޕީ ސަރުކާރަކީ ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އަންނަމުންދާ ތަރައްގީއަށް ވިސްނައި "ޅަ އިހަލަކުން ނާޅައި" ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ވޯޓުވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ދެއްވުމަށް ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ގޮވާލަށްވައިފިއެވެ.

ރޭ ފޯކައިދޫގައި ކުރިއަށް ދިޔަ ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާސިފް ވަނީ ދެ ސަރުކާރުގެ ތަފާތު އޭނާއަށް ސިފަވާގޮތަށް ވިދާޅުވެ ދެއްވާފައެވެ.

އާސިފް ވިދާޅުވީ، މިފަދަ ޖަލްސާއެއް ކުރިއަށް ގެންދާއިރު ދާއިރާ އަދި ފޯކައިދޫގެ ރަށްޔިތުންނަށް މި ތިބެވެނީ ތަރައްގީގެ ކިހާ ހިސާބެއްގައިތޯ ސުވާލުކޮށްލަން ޖެހޭކަމަށެވެ. އެހެންކަމުން މިކަމުގެ ޖަވާބުގައި ކުރީގެ ސަރުކާރާއި މި ސަރުކާރު އަޅާކިޔާލުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ފޯކައިދޫގައި މިތާ ތިއްބެވި އިސްބޭފުޅުންނަށް އިނގިވަޑައިގަންނަވާނެ ވާހަކައެއް ދަންނަވާލަން މިއުޅެނީ، ރައީސް ޔާމީންގެ ސަރުކާރުގައި ފޯކައިދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަން ޓީމެއް މާލެ ދަތުރެއްކުރިން، މިތާ މިއިންނެވި ޔައުގޫބްބެ، ފާއިޒްބެ، ނާސިރު ބޭމެން އަދި ކުރީގެ އަތޮޅުކައުންސިލް މެންބަރު ނާހިދު، އަޅުގަނޑުމެން ކެންޑިޑޭޓް ރާޑޯ ވެސް ވަޑައިގެންނެވި" އާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ގޮސް ރައީސް ޔާމީންގެ ފައިންޕުޅުދެކެން ބޭނުންވެގެން އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ. އަދި އެކަމަށް އެދިގެން ޕީޕީއެމް އޮފީހުގެ ގާގަނޑުމަތީގައި ވެސް އެތައް ގަޑިއިރެއް ހޭދަކުރެއްވި ކަމަށެވެ.

"އެހެންތިއްބާ އަޅުގަނޑުމެންނަށް ގޮވާލާފައި އޮފީސް ތެރެއަށް ވެއްދީ، ވެއްދީމަ އެތާ އެތެރެއިން އަޅުގަނޑުމެންނާ ދިމާވީ ހިސާބު ޓީޗަރާ، ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ފައިންޕުޅު ފެންނާނެ ހަމައެއްވެސް ގޮތެއްނުވި، މިދެންނެވި ހިސާބު ޓީޗަރު ބައްދަލުކުރީ، އޭރު އަޅުގަނޑުމެން އެދެމުން ދިޔައީ މިފަޅު، މި ބަނދަރު އަޅުގަނޑުމެންނަށް ހައްދަވައިދެއްވާށޭ، ހަމައެކަނި ތަރައްގީގައި އަޅުގަނޑުމެންނަށް ދައްކަން އެނގުނުވާހަކައަކީވެސް އެއީ، އަޅުގަނޑުމެން އެކަކު އަނެކަކާ ވާހަކަ ދައްކަމުން މިދިޔައީ ބަނދަރުގެ ވާހަކަ ދައްކާފަ ދެން ނަރުދަމާގެ ވާހަކަ ދައްކައިފިއްޔާ އެއްކަމެއް ވެސް ނުވާނޭ، މިއީ އޭރު ތަރައްގީގެ ސްޕީޑް ހުރި މިންވަރު، އަޅުގަނޑުމެންގެ ވިސްނުންވެސް ހުރީ ހަމައެކަނި ބަނދަރުގެ ވާހަކަ ރައީސް ޔާމީންގެ ފަސް އަހަރު ދައްކަން، އެހެންނަމަވެސް އެކަން ވެސް ނުވެމިދިޔައީ،" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފޯކައިދޫއަށް ހަމައެއްކަމެއް ވެސް ވެފައި ނެތްކަމަށާއި، އެ ފަސް އަހަރު ނިމިގެން މިދިޔައީ އެގޮތަށް ކަމަށެވެ. ނަމަވެސް މިހާރު މިހިނގާ އެމްޑީޕީގެ ވެރިކަމުގައި އެކަން އޮތީ އެހެން ނޫންކަމަށާއި، މިވެރިކަމުގައި ވޭތުވި ތިން އަހަރަކީ ފޯކައިދޫއަށް އުފާވެރި ތިން އަހަރުގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ބަނދަރު ކުރިއަށް ދަނީ، ނަރުދަމާ ގޭގެއަށް ހައުސް ކަނެކްޝަންތައް ހަދަމުންދަނީ، ފެން މާދަމާ ނޫންކަމެއް ނޭނގެ ދޫކޮށްލަން ރެޑީގައި، ކުރީގެ ބާ އިންޖީނުގެ ނިވާލަން ތައްޔާރުގައި، ސްކޫލް 4 ބުރީގެ 12 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލް އަޑުގޮށްވާލާފައި ކުރިއަށް އެ ދަނީ، ބޯޅަ ދަނޑު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ވަޒީރު މިހާރު ހުޅުވަން ތައްޔާރުކޮށްފައި، އައުޓް ޑޯ ޖިމް ނިމިފައި،" އާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ސަރުކާރުން ކައުންސިލްތަކަށް ދިން އަހައްމިއްޔަތު އަޅާކިޔާލުމުން ވެސް އިތުރު ބަދަލު ފެންނާނެ ކަމަށެވެ. މިގޮތުން ރައީސް ޔާމީން ސަރުކާރުގައި ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދިނީ 2.6 މިލިއަން ރުފިޔާކަމަށާއި، ކައުންސިލް އިދާރާގެ މުވައްޒަފުން މުސާރައާއި ކަރަންޓްބިލް ދައްކާ ނިމޭއިރު ބާކީ ފައިސާ ނުހުންނަކަމަށެވެ. ނަމަވެސް މި ސަރުކާރުން ފޯކައިދޫ ކައުންސިލަށް ގްރާންޓްގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، ތަފާތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯކައިދޫއަށް ކުރިއަށް ހުރި ކަންކަމުގެ ތެރޭގައި ފުޓްސަލް ދަނޑާއި، އާޓިފިޝަލް ބީޗާއި، ވޮލީ ކޯޓު، ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި ރޮސްޓްރޮމް އިމާރާތް ކުރުމާއި އަދި ހެލްތު ސެންޓަރގެ އެކްޓެންޝަން ހިމެނޭ ކަމަށާއި، އިތުރުކަންތައްތަކެއް ވެސް ރާވާ، ޕްލޭންކޮށް ވަނީ ގެޒެޓްކޮށްފައި ކަމަށް އާސިފް ވިދާޅުވިއެވެ.

މިކަންކަމަށް ރިއާޔަތްކޮށް ގައްޑާވެގެން ބޮޑާވެގެން ވެރިކަންކުރާ ވައްތަރަކު ވެރިއަކު، މެންބަރަކު ހޮވާކަށް ބޭނުން ނޫން ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ އިދިކޮޅު ޕީޕީއެމް ކެނޑިޑޭޓް އޭރު އަތޮޅު އޮފީސް ތެރޭ އުޅުއްވިގޮތަށް މިހާރުވެސް އުޅުއްވޭނޭކަމަށް ހީފުޅު ކުރަށްވާކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯކައިދޫ ރައްޔިތުންނަކީ ނިއުމަތްތެރިކަމަށް ޝުކުރުވެރިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރަކީ ފޯކައިދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ނިޔުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނިއުމަތްތަކަށް ޝުކުރުވެރިނުވާނަމަ އެ ނިއުމަތްތައް ބީވެގެން ދިޔުމަކީ ދާދިކައިރީގައިވާ ކަމެއްކަމަށް އާސިފް ވިދާޅުވިއެވެ.

"އެހެންވީމަ މިފުރުޞަޠުގައި އަޅުގަނޑު މިދާއިރާގެ ރައްޔިތުންނަށް، ފޯކައިދޫ، ކޮމަންޑޫ އަދި މަރޮށީގެ ރަށްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ޅަ އިހަލަކުން ނާޅުއްވާ އަޅުގަނޑުމެންގެ ކެންޑިޑޭޓް ރާޑޯއަށް ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ" އާސިފް ވިދާޅުވިއެވެ.

ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، އަންނަ ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި