•  
  •  
  •  
  •  
  •  
  •  

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ގަރާރެއް ހުށަހަޅާ އެ ގަރާރަށް ބަހުސް ކުރައްވަމުން، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ހިތްހަމަނުޖެހި އެ ބަހުސް ހޫނުވެއްޖެ އެވެ.

ހުޅުމާލެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ ބިމެއްކަމަށް ބުނެ އިބްރާހިމް ރަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރުންނަށް ގެދޮރުގެ ދަތިކަން ދިމާވެފައިވާ ކަމަށާއި އަދި އޭނާ މަޖިލީހަށް ހޮވީ، ހުޅުމާލެއިން މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް ގޯތި ދޭނަމޭ ބުނުމުން ކަމަށްށެވެ.

މިކަމާ ވިދިގެން އަތޮޅުތެރޭ ރައްޔިތުންގެ ދިފާއުގައި ތެދުވެ އިއްޔެގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު  ވިދާޅުވީ ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށާއި އެހެންވީމަ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭ ކަމަށްށެވެ.

އިތުރަށް މޫސާ ސިރާޖް ބުނެފައިވަނީ “އަޅުގަނޑުވެސް ދިމާ އިދިކޮޅު މާލެ މީހުންނަށް ހުޅުމާލެއިން ނުވަތަ ގުޅީ ފަޅުން ބިން ދިނުމާ. ރާއްޖެތެރޭ ރައްޔިތުންވެސް ބިންކޮޅު ދޫކޮށްލީމަ އެހެންވެއްޖެއްޔާ ހުޅުމާލެއިން ބިން ލިބެންޖެހޭނެ. ހުޅުމާލެއަކީ ރައްޔިތުންގެ ލާރިން ހިއްކާފައި އޮތް ބިމެއް. ހުޅުމާލެއިން ހިލޭ މާލެ ރައްޔިތުންނަށް ބިން ލިބޭ ކަމަށް ވަންޏާ ރާއްޖެތެރޭ ރައްޔިތުންނަށްވެސް ލިބެންޖެހޭނެ.”

އިއްޔެގެ ގަރާރަށް މިއަދުވެސް ބަހުސް ކުރުން ކުރިޔަށް ގެންގޮސްފައިވާއިރު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވެސް ވަނީ މެމްބަރު އިބްރާހިމް ރަޝީދުގެ ވާހަކަތަކާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ރާއްޖެތެރޭ މީހުން ނިކަމެތި ވާގޮތަށް އިއްޔެ މަޖިލީހުގައި ދެއްކި ވާހަކައިގެ ދިފާއުގައި ރާއްޖެތެރޭ މީހެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަން ޖެހޭ ކަމަށް ގަބޫލުކޮށް ޔައުގޫބު ވިދާޅުވީ، މާލޭ ރައްޔިތުންނާ ރާއްޖެތެރޭ މީހުންނާ ތަފާތުކޮށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށާއި ހުޅުމާލެއަކީ ހަމައެކަނި މާލޭ މީހުންގެ ތަނެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެންގެ ތަނެއް ކަމަށެވެ.

މިކަމާގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ 87 ދާއިރާ ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

 

 

 

ޚިޔާލު

Your email address will not be published.

More in ރާއްޖެ