ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާންގައި ބުނެފަވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، އެ ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ibrahim.aflah@finance.gov.mv މި އީމެއިލް އެޑްރެހަށް ފޮނުއްވަން ޖެހެއެވެ.
މީގެއިތުރުން މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ބަޔާންކުރެވިދިޔަ އީމެއިލް އެޑުރެހަށް ފޮނުވަން ޖެހެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/125,000ރ (އެއްލަކަ ފަންސަވީސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭ ޖެހޭއިރު، ބިޑުތައް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 30 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި މި މަޝްރޫޢުވަނީ ވޭތުވި 3 އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައެވެ.
މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުމަކީ އުންމީދުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިދިޔައަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!