ބޭނުންފުޅުވަނީ މި އަންނަ އަހަރު ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މެންބަރު ވަހީދު ސުވާލުތައް ކުރައްވާފައި ވަނީ، ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދަކަށް ވީހިނދު، އަދި އެ ޕްރޮޖެކްޓަކީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ހިމެނިފައިވާ ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވައި، 2021 ވަނަ އަހަރުގެ މިހާހިސާބަށް އައިއިރުވެސް، އެ ކޮލެޖް ދިއްދޫގައި ޤާއިމުކުރެވިފައިނުވާތީ، އެ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިއޮތް ހިސާބު އޮޅުން ފިލުވުމަށާއި، އެ ކޮލެޖް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުވަމަށާއި، އަދި އެ ކޮލެޖް ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފެށޭނެ ތާރީޚެއް އޮޅުން ފިލުވުމަށެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުއްދުމަށް ޖޫނިއާ ކޮލެޖްތަކުގެ ކޮންސެޕްޓް ޕޭޕަރުތައް އެކުލަވާލުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރެއްވި ކަމަށެވެ. އަދި 2020 ވަނަ އަހަރު ފެބްރުއަރީމަހުގެ ކުރީކޮޅު އެކަމަށް ބޭނުންވާ ސާވޭއެއް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ފަންނީ ލަފާހޯދައިގެން ހެދިފައިވާ ކަމަށާއި އެއަށްފަހު އެ އަހަރުގެ 12 މާޗްގައި ކޮންސެޕްޓް ރިވައިޒްކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް އެދެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ދިމާވި ދަތިކަމަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވިވި އިގްތިޞާދީ ހާލަތުކަމަށެވެ. އެ މަޝްރޫޢޫއަށް 2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 3 ލައްކަރުފިޔާ ބަޖެޓް ކުރެވިފައި އޮތްކަން ފާހަގަ ކުރައްވަމުން ފެށުނީއްސުރެ ވިސްނުމުގައި ހުރީ ވީހާވެސް ފުރިހަމައަކަށް ވީހާވެސް ރަނގަޅަކަށް އެކަން ކުރައްވަންކަމަށެވެ.

"އެކިއެކި ފޭސްތަކަށް ބަހާލައިގެން ފަހަރަކު ތަންކޮޅެއް ކުރުމުގެ ބަދަލުގައި ޕްރޮޖެކްޓް އެއްކޮށް ކޮމްޕްލީޓް ކޮށްފައި، މުޅި ޕްރޮޖެކްޓް އެއްކޮށް ފަށައިގަންނަން،ބޭނުންވީ ކަރިކިއުލަމްގެ މަސައްކަތްތައް ވެސް ރަނގަޅަށް ކުރިއަށް ގެންދަން، ތަނުގެ ކޮންސެޕްޓް ވެސް ރަނގަޅަށް ޑިޒައިން ކުރަން، މުޅިމަސައްކަތް އެއްކޮށް ބަޔަކާ ހަވާލުކޮށް ކުރިއަށް ގެންދަން ބޭނުންވީ" މިނިސްޓަރު ވިދާޅުވިއެވެ.

މަސައްކަތް ފަށައިގަނެގެން ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަން ކަމަށާއި، 11 އޮކްޓޯބަރު 2020 ގައި ކޮންސެޕްޓް ޕޭޕަރުތަކާމެދު މަޝްވަރާ ކޮށް އިކޮނޮމިކް ކައުންސިލާއި، ސޯސަލް ކައުންސިލްގެ އެންޑޯޒްމަންޓް ވެސް ހޯއްދެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://thiladhun.wonstasite.com/55490

މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމަވާފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އުސޫލުން ކަމަށާއި، އެގޮތަށް ނިންމީ އެ މަޝްރޫޢުއަށް ބަޖެޓްގައި ހިމެނުނު ފައިސާއަކީ އެއްފަހަރާ ކުރެވޭނެ އަދަދަކަށް ނުވާތީއާއި، އޭރުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ގާއިމު ކުރަން ނިންމަވާފައި ވުމާއެކު، އިތުރަށް ގާއިމުކުރާ ޖޫނިއާ ކޮލެޖްތައް ވެސް ގާއިމުކުރަން މަސައްކަތް ކުރައްވަމުން ދަނީ އިންވެސްޓަރުން ހޯދައިގެން ޕީޕީގެ ދަށުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ދިއްދޫގައި ގާއިމުކުރާ ކޮލެޖް މިހާރު ވަނީ ޓެންޑަރުވެސް ކޮށްފައި، މިމަހުގެ 30 ގައި މުއްދަތު ހަމަވާނެ، އެހެންވެ އަޅުގަނޑުމެން އުންމީދު ކުރަނީ ދިއްދޫ ދާއިރާގެ ޖޫނިއާ ކޮލެޖްގެ އިތުރުން އިއުލާންކޮށްފައި ހުރި އެހެން ހުރިހާ ތަނަކަށް ވެސް އިންވެސްޓަރުން ލިބިގެންދާނެކަމަށް، ދިއްދޫ ދާއިރާގެ މެންބަރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕްރޮޖެކްޓްގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި، އެކަމަށްޓަކާ ޝުކުރުވެރިވަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮލެޖް ގާއިމުކުރުމަށާއި، އެ ކޮލެޖްގައި ހިންގާނެ ކޯސްތަކާމެދު ދިއްދޫގެ ކުރީގެ އަދި މިހާރުގެ ކައުންސިލްގެ މަޝްވަރާވެސް ހޯއްދަވާފައިވާނެ ކަމަށެވެ.

"ބިޑްކުރުމުގެ މަސައްކަތް ނިންމާ، ބާކީ ހުރީ 175،000 ރުފިޔާ، އުންމީދު ކުރަނީ އިންވެސްޓަރެއް ލިބިއްޖެއްޔާ މިހިނގާ އަހަރުވެސް ކޮންސްޓަރަކްޝަން މަސައްކަތް ފެއްޓޭނެކަމަށް، އިންވެސްޓަރެއް ނުލިބިއްޖެނަމަ އެހެން ކޮންމެސް މޮޑެލްއަކަށް ދާން ޖެހޭނެކަމަށް ވިސްނައިގެން މަސައްކަތް ކުރަނީ" މިނިސްޓަރު ވިދާޅުވިއެވެ.

ޕީއެސްއައީޕީގެ ދަށުން މަޝްރޫޢުއެއް ނިންމަން 3 އަހަރުވަރު ހޭދަވާ ކަމަށާއި، ޕީޕީޕީގެދަށުން ކޮލެޖް އަޅަން ބޭނުންވީވެސް އެހެންވެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބޭނުންވަނީ މި އަންނަ އަހަރު ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު މިތަނުގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުން، ޕީޕީގެ ދަށުން މިކަން ކުރަން ބޭނުންވާ ސަބަބަކީ ވެސް އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޖޫނިއާ ކޮލެޖްތަކާއި، ޓިވެޓް ސެންޓަރުތައް ގާއިމުކުރަން އިންވެސްޓަރުން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މެންބަރުންގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ. އަދި އެ މަސައްކަތުގައި ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ކޮންސިއުލޭޓްތަކާއެކު ކުރެވުނު މަސައްކަތް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.