ހދ. ހަނިމާދޫގައި ޕިކްނިކް އޭރިއާއެއް ގާއިމް ކުރުމަށް އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެގޮތުން ޕިކްނިކްއޭރިއާ ތަރައްގީ ކުރުމުގެ މިއެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކައުންސިލްގެ ސެކެރްޓްރީ ޖެނެރަލް މުހައްމަދު އާސިފެވެ. އަދި އަރުތަ އިންވެސްޓްމެންޓް ފަރާތުން ސޮއިކޮށްފައި ވަނީ މޫސާ ޖައުފަރެވެ.
މި މަސައްކަތް އަރުތަ އިންވެސްޓްމެންޓާއި ހަވާލުކޮށްފައި މިވަނީ 220056 ރުފިޔާއަށް 25 ދުވަސް މަސައްކަތް އެއްކޮށް ނިމުމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 2 ހަޓާއި 3 ބާބެކިއުގްރިލްއާއި 3 ޝަވަރުގެ އިތުރުން ކުޑަ ކެންޓީންއަކާއި އައުޓްޑޯ ބެންޗެއް އެޅިގެންދާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ސަރަހައްދަށް ކަރަންޓުލައި ވަށާ ބައުންޑަރީއަކާއިއެކު އެ ސަރަހައްދު ވަކި ކުރެވިގެންދާނެއެވެ.
މިކަމަށް ބޭއްވުނު ހަފްލާގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.
ހަނިމާދޫގައި މިހާރުވެސް ކުރީގެ ކައުންސިލްގެ ދުވަސްވަރު ތަރައްގީކުރި ޕިކްނިކް އޭރިއާއެއް އޮވެއެވެ. "ހަނިހޭޅި" ނަމުން ނަންދީފައިވާ މި އޭރިއާ އެރަށުގެ ގިނަ އާއިލާތަކުން ދަނީ ބޭނުންކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!