މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކްއިން އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވާތީ އެއަމަލު ނައިވާދޫ ކައުންސިލުން ކުށްވެރިކޮށް ބަޔާނެއްނެރެފިއެވެ.

އެމްޑީއެން އިން ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ގެ ނަމުގައި އާންމު ކުރި ރިޕޯޓުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސަރަކޮށް، ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ކަންކަމާއިމެދު ސުވާލު އުފައްދާ ފާޅުގައި މާތްﷲ ގެ ކުޅަދުންވަންތަ ކަމާމެދު ޝައްކު އުފައްދާފައިވަތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ސައްތައިން ސައްތަ އިސްލަމީ ގައުމެއްގައި މިފަދަ ދަރަޖައަކަށް ކަންކަން ދިއުމަކީ އެކައުންސިލުން ނުހަނު ހިތަމަ ކުރާކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

މިޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރ 1/2003 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ އާ ހިލާފު އަމަލަކަށްވީހިނދު މިކުށަށް މި މައްސަލާގައި ދައުވާ އުފުލަންޖެހޭފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެކައުންސިލުން ވަނީ ގޮވާލަފައެވެ.