އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން މައިގަނޑު 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށްކަމުގައިވާ ހޯރަފުށި ތުރާކުނު އަދި އުލިގަމު ކައުންސިލް ގުޅިގެން އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ފޮނުވުމަށް ގަރާރެއް ފާސްކޮށްފި އެވެ.

3 ރަށުގެ ހުރިހާ ކައުސިލުން ސޮއިކޮށް ފޮނުވާފައިވާ މިގަރާރުގައި އިއްޒަތްތެރި ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒް ކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަކީ މި ތިން ރަށުގެ ރައްޔިތުންގެ ފަރާތުން އެކައުންސިލްތަކުން އެދޭ ނުހަނު ބޮޑު އެދުމެއް ކަމުގައި ދަންނަވާފައިވެއެވެ.

Ad
rt

އެގަރާރުގައި ބަޔާންކޮށްފައިވަނީ، އިހަވަންދިއްޕޮޅު ސަރަހައްދަކީ އިގްތިސާދީ ހަރަކާތްތައް މަދު ވަޒީފާގެ ފުރުސަތުތައްވެސް ހަނި ސަރަހައްދެއްކަމަށާއި އޭގެ ސަބަބުން މި ސަރަހައްދުގެ ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ އުފަން ރަށް ދޫކޮށް މާލެ ސަރަހައްދަށް ހިޖްރަ ކޮށްފައިކަމަށެވެ. ގިނަ ޒުވާނުންނަކީ ރަށުން ބޭރު މާ ދުރު ސަރަހައްދުތަކުގައި ވަޒީފާ އަދާ ކުރާ މީހުންކަމަށާއި ރަށްރަށުގެ އާބާދީތައް ތުނިވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްވެހި ކަމުގެ ކުލަވަރު ފަނޑުވެ ރަށްރަށުގެ ދިރުން ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންކަމަށް ބުނެފައިވެއެވެ.

"މީހުން ދިރިއުޅޭތާ އެތައް ސަތޭކަ އަހަރުވެފައި މިރަށްތަކަކީ ފުރުސަތު ނެތް ވަސީލަތްތައް ނެތް ތަންތަންކަމަށް ފެނި، ހުރިހާ ވަސީލަތާއި ފަސޭހަތައް ހުރި މާލޭ ސަރަހައްދަށް މީހުން ބަދަލުވަމުންދާ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ. ކަން މިހެން އޮތްއިރު، ރާއްޖޭގެ އެންމެ އުތުރަކީ އިގްތިސާދީ ގޮތުން މުހިންމު އަދި ސަރަހައްދީ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ބޮޑެތި ނަފާތަކެއް ހޯދިދާނެ ސަރަހައްދެއް ކަމުގައި އިގްތިސާދީ މާހިރުން ޒަމާނުއްސުރެ ގަބޫލު ކުރެއެވެ. އަދި އެކަމަށް ބާރުދޭ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށްވެސް ތަޖުރިބާ ކުރެވިފައިއެވެ."

އެ ގަރާރުގައި ބުނެފައިވެއެވެ.

އެގޮތުން އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓު ފަހަރު ބަނދަރު ކުރާ ގުދުރަތީ ޔޮޓު ބަނދަރެއްކަމަށާއި އެ ސަރަހައްދު ހުރަސްކޮށް ދުވާލެއްގެ މައްޗަށް އެތައް އާގުބޯޓެއް ދަނީ ދަތުރު ކުރަމުންދާއިރު، އެކަންކަމުގެ އެދެވޭ ފައިދާ ހޯދޭނެ ގޮތެއް ނުވެ، އަހަރުތަކާއި ދުވަސްތައް ފާއިތުވެގެން ދާ ދިއުމީ އެކައުންސިލްތަކުން ނުހަނު ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެއެވެ.

ބައިނަލް އަޤުވާމީ ޝިޕިންރޫޓުގެ ސްޓްރެޓެޖިކް ލޮކޭޝަނެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރު ސަރަހައްދު ފާހަގަވެފައި ވާއިރު، އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަކީ، އަގުބޮޑު ކަމެއް ކަމުގައިވާނޭ ކަމަށް ގަބޫލު ކުރާކަމަށާއި ނަމަވެސް، އެއްފަހަރާ އެ ޚަރަދު ނުކޮށް އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށް މިހިނދުން މިހިނދަށްވެސް މިސަރަޙައްދުން ޚިދުމަތްދީގެން ކުރުމުއްދަތުގައިވެސް އިޤުތިސާދީ ގޮތުންނާއި އުމްރާނީގޮތުން ބޮޑު މަންފާއެއް ހޯދޭނެ ގޮތްތަކެއް އެބަހުރިކަމަށާއި އަދި އެއީ ބިޔަ ބޮޑެތި އިންވެސްޓްމަންޓް ތަކަކާއި ނުލައި މިހާރު ކަމާބެހޭ ސިޔާސަތެއް އެކުލަވާލެވި ނުވަތަ ބައެއް ޤަވާއިދުތަކަށް ބަދަލްގެނެސްގެން ދެވޭނެ ޚިދުމަތްތައްކަމުގައި ކަމާއިބެހޭ މާހިރުން ލަފާދެއްވާފައިވާކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"މިކަންކަން ލަސްނުކޮށް ކުރެވޭ ގޮތް ވުމީ، އިގްތިސާދީ ގޮތުން ހީނަރުވެފައިވާ، ވަޒީފާގެ ފުރުސަތުތައް ހަނި، އަދި ރަށް ދޫކޮށް ހިޖްރަކުރުމުގެ މައްސަލަ ބޮޑު، ޚިދުމަތްތަކުގެ ފެންވަރު ދަށް، މި ސަރަހައްދުގެ ރަށްތަކުގެ ހާލަތު ބަދަލު ކުރުމަށް ނުހަނު މުހިންމު ކަން ކަމުގައި އަޅުގަނޑުމެން ދެކޭ ހިނދު އެކަންކަން ކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަރިހުގައި ދެންނެވުމަށް، ހޯރަފުށީ ކައުންސިލް އާއި ތުރާކުނު ކައުންސިލް އާއި އުލިގަމު ކައުންސިލް އިގްރާރު ވަމެވެ."

އެ ގަރާރުގައި ބުނެފައިވެއެވެ.

މިހާރުން މިހާރަށް ކޮށްދެއްވުން އެދި އެ ގަރާރުގައި އެ ތިން ރަށުގެ ކައުންސިލުން އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅާ 3 ކަމަކީ:

1 .ސަރަހައްދުގައި ކްރޫ ޗޭންޖްގެ ޚިދުމަތް ދިނުމުގެ މަގު ތަނަވަސްކޮށް ދެއްވުން.

މިފަދަ އަސާސީ ޙިދުމަތްތަކުން ފެށުމަކީ، މިއަދު ސިންގަޕޯ އަދި މެލޭޝިޔާގެ އިތުރުން އަވަށްޓެރި ސުރީލަންކާގައި ޝިޕިންގެ ދާއިރާ ފުޅާވެގެންދިއުމުގެ އަސްލެވެ. އެހެންކަމަށްވުމާއިއެކު، ދިވެހިރާއްޖޭއިން ޝިޕިންގްގެ ދާއިރާއިން އިތުރުމަންފާ ހޯދައި ދާއިރާ ފުޅާކުރުމަށްޓަކައި އުތުރުގެ މިސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ކުރޫއިން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވަރަށް މުހިންމެވެ.

މިކަމަކީ ބޭރުގެ ޝިޕިން ކުންފުނިތަކުންނާއި އެޖޭޓުންގެ ފަރާތުން ތަކުރާރުކޮށް ރިކުއެސްޓް އަންނަމުންދާ ކަމެކެވެ. މިހާރުވެސް އުލިގަމުގައި ކަސްޓަމްސް އާއި އިމިގުރޭޝަން، ޕޯޓް ހެލްތު އަދި ޕޯޓް ސެކިއުރިޓީ (ސިފައިން) ގާއިމްވެފައި ތިބުމުން އިތުރު މާ ބޮޑު ޚަރަދަކާއި ނުލައި މިޚިދުމަތް ދޭންފެށިދާނެ. ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު
ނަންބަރު 33-R/2013" ދިވެހިރާއްޖޭގެ އޮފްޕޯޓް ލިމިޓާއި އޯފްޝޯގައި ޝިޕިންގެ ހިދުމަތް ދިނުމާއި ބެހޭ ގަވާއިދު" ގެ ތެރެއަށް އިހަވަންދިއްޕޮޅުގެ ސަރަޙައްދު ހިމަނައި ގަވާއިދަށް އިސްލާހުގެނެސްފިނަމަ މިދެންނެވި ހިދުމަތްތަށް ދިނުމަށް މިހާރު އޮތް ހުރަސް ނެތި މަގު ހުޅުވިގެންދާނެއެވެ.

ކްރޫ ޗޭންޖް ކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ނެތޭ ބުނަން ޖެހުމުން، އެ ޚިދުމަތް ނުހޯދާ ދާ ބޯޓުފަހަރުގެ އަދަދު ގިނަވަމުން ދާއިރު އެއީ މި ސަރަހައްދަށާއި ރާއްޖެއަށް ލިބެން އޮތް ބޮޑު އާމްދަނީ އެއް ގެއްލިގެން ދިއުން ކަމުގައި އަޅުގަނޑުމެން ދެކެމެވެ.

2 .ސެކިއުރިޓީ ޚިދުމަތް ދިނުން

މިޚިދުމަތަކީ މިހާރުވެސް މާލެސަރަޙައްދުގައި އެމް.އެން.ޑީ އެފް އިން ޙާއްސަ ޤަވާއިދެއްހަދައި އެޤަވާއިދުގެ ދަށުން ދެމުންގެންދާ ޚިދުމަތެކެވެ. ހއ. އުލިގަމުގައި މިވަގުތުވެސް އެމް.އެން.ޑީ.އެފް ގެ ސެންޓަރެއް ހުރުމުގެ އިތުރުން ޕޯޓް ސާވިސަސް ދިނުމަށް ބޭނުންވާ ހުރިހާ އިދާރާތަކެއް ހުރުމުން މިޚިދުމަތަކީވެސް އިތުރު ގިނަ ޙަރަދުތަކަކާއި ނުލާވެސް ފެށޭނެ ޚިދުމަތެކެވެ. މާލޭ ސަރަޙައްދުގައި އެމް.އެން.ޑީ އެފް އިން ހިދުމަތް ދިނުމަށް އެކުލަވާލައިފައިވާ ޤަވާއިދުގެ ތެރެއަށް މިސަރަހައްދު ހިމަނުއްވާދެއްވައި ޤަވާއިދުގައި ބުނެފައިވާ ކަންކަން ހއ.އުލިގަމުގައި މިވަގުތުހުރި އެމް.އެން.ޑީ.އެފްގެ ސެންޓަރުގައި އިންތިޒާމް ކޮށްދިނުމުން މިޚިދުމަތް ދެވޭނެއެވެ.

މިސަރަޙައްދު ހުރަސްކޮށް ދުވާލެއްގެ މައްޗައް އެވްރެޖްކޮށް 45 - 55 އާއި ދެމެދުގެ އަދަދެއްގެ އާގު ބޯޓް ފަހަރު ދަތުރުކުރަމުންގެންދާއިރު ކަމާއި ބެހޭ މާހިރުން ލަފާދެއްވަނީ ސެކިއުރިޓީ ދިނުމުގެ ޙިދުމަތް މި ސަރަޙައްދުން ފަށައިފިނަމަ އެއިގެ ތެރެއިން %50 އަށްވުރެ ގިނަ ބޯޓުފަހަރު މިސަރަހައްދުގައި މަޑުކޮށް ޚިދުމަތް ހޯދާނެކަމަށެވެ. މިހާރު މާލޭ ސަރަޙައްދުގައި މިހިދުމަތަށް ނަގަމުންގެންދާ ފީތަކުގެ އަދަދުންނަމަ، މިސަރަޙައްދުން ދަތުރުކުރަމުންގެންދާ އާގު ބޯޓުފަހަރަށް މި ހިދުމަތްދީގެން މަހެއްގެ މައްޗައް -/000,250,20( ވިހި މިލިއަން ދެލައްކަ ފަންސާސް ހާސް( ގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ހަމައެއާއިއެކު ސަރަ ހައްދުގެ އިންވެސްޓްމަންޓްތައް އިތުރުވެ ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެން އަންނާނެ ކަމުގައިވެސް އެފަރާތްތަކުން ދެކިލައްވައެވެ.

3 .ބަންކަރިން ޚިދުމަތް ދިނުން:

އިސްވެ ދެންނެވުނު ކުރޫއިން ޗޭންޖް ކުރުމުގެ ޙިދުމަތާއި ސެކިއުރިޓީގެ ޚިދުމަތް ސަރަޙައްދުން ދޭންފަށައިފިނަމަ ބަންކަރިންގެ ޚިދުމަތާއިއެކު ބޯޓުފަހަރަށް ލޮޖިސްޓިކް ސަޕޯޓް ދޭން ހުށައަޅާނެ އެތައްބައިވަރު ކުންފުނިތަކެއް (ރާއްޖެއާއި ރާއްޖެއިން ބޭރުގެ) އަންނާނެކަމީ ޔަގީން ކަމެކެވެ. މީގެ ކުރިންވެސް، އުލިގަމު ހިމެނޭ ސަރަޙައްދުން ބޯޓުފަހަރަށް ސެކިއުރިޓީ ދިނުމުގެ އަޑު އިވޭ ކޮންމެފަހަރަކު ބޭރުގެ އެތައްކުންފުނިތަކަކުން އައިސް އުލިގަމާއި ސަރަހައްދުގެ ރައްތައްބަލައި ބަންކަރިންގް ގެ ޚިދުމަތް ފެށުމަށް ދިރާސާ ކޮށްފައިވާކަމީ މިކަމަށް އޮތް ޑިމާންޑް އަންގައިދޭ ކަމެކެވެ.

ފާހަގަކުރެވިފައިވާ 3 ކަން ތަންފީޒުވެ އެމަގުން ކަންކަން ގެންދެވިއްޖެ ނަމަ، އެސަރައްދަށް ތަނަވަސް ކަމާއި ފާގަތިކަން އަންނާނެ ކަމަށް އެކައުންސިލްތަކުން ދެކޭކަމަށާއި އަދި މިއީ ރަށްވެހި ފަތިހަކަށް މިރަށްތަކަށް އަލިވިލުމަށް ހުޅުވާލެވޭ މުހިންމު ދޮރެއް ކަމާމެދު އެކައުންސިލްތަކުން ޝައްކުނުކުރާކަމަށާއި ރަށްތައް އާބާދުވެ، ވަޒީފާ އާއި ޚިދުމަތުގެ ފުރުސަތުތައް ފުޅާވެގެންދާނޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

"މިކަންކަން ފެށުމާއެކު މިސިނާއަތުގެ މަސައްކަތް ރާއްޖޭގައި ދާދިއަވަހަށް ފުޅާވެ މަނިކުފާނުގެ ސަރުކާރުގެ ތަސައްވުރެއް ކަމުގައިވާ މިސަރަޙައްދުގައި ޓްރާންސިޕްމަންޓް ބަނދަރެއްހެދުމަށް އޮންނަ ޑިމާންޑް ބޮޑުވެ އެކަމަށް އިންވެސްޓްކުރަން ވިސްނަމުންގެންދަވާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުވެގެންދާނޭކަން އަޅުގަނޑުމެން ޔަގީން ކުރަމެވެ. އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތްދީގެން ދިވެހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމުގެ ވާހަކައަކީ ޒަމާނުންސުރެ ދެކެވެމުންއަންނަ ވާހަކައަކަށްވީ ކަމުގައިވީނަމަވެސް މިއަދާއި ހަމައަށް އައިއިރު އެއްވެސް އަމަލީ ސިފައެއް ގެނެވިފައިނުވާ ކަމެކެވެ."

އެ ގަރާރުގައި ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމަށް ވަކި ރަށެއް އަދި ވަކި ސަރަޙައްދެއް ތަފާތުކުރެއްވުމެއްނެތި ދިވެހި އެންމެހާ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމީ ފެންނާން އޮތް ހަގީގަތެއްކަމަށްވެސް މި ގަރާރުގައި ބުނެފައިވެއެވެ.