މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމްގައި ގާއިމުކުރެވިފައިވާ "ކޮމިއުނިޓީ އޮންލަައިން ޝޮޕް"އަކީ ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ ކޮމިއުނިޓީ އޮންލައިން ފިހާރަކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޝަފީޤް މިހެން ވިދާޅުވީ، ދިވެހިންގެ އުފެއްދުންތަައް ވިއްކުމަށް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓުން ގާއިމުކުރި އޮންލައިން ފިހާރަ އިފްތިތާޙް ކުރުމަށް ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ކޮމިއުނިޓީ އޮންލައިން ޝޮޕަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް އެ އުފެއްދުންތެރިންގެ އުފެއްދުންތައް މުޅިރާއްޖޭގެ ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމްގައި ގާއިމުކުރެވިފައިވާ ވާޗުއަލް ފިހާރައެއްކަން ފާހަގަ ކުރަށްވަމުން، އީ-ޓުކުރި ޕްލެޓްފޯމްގައި މިފަދަ އޮންލައިން ފިހާރައެއް ގާއިމުކުރުމުގެ މަޤްޞަދަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އީޓުކުރި ޕްލެޓްފޯމްގެ ތެރެއިން އޮންލައިން ބާޒާރެއް ހޯދައިދިނުންކަމަށް ޝަފީޤު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓްކޮށް އިސްތިހާރުކޮށްދީ، ޕޯސްޓްގެ ޑެލިވަރީ ނިޒާމްގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖޭގެ ކަންކޮޅުތަކަށް ޑެލިވަރީކޮށްދިނުމަކީ ވެސް މި ފިހާރަ ގާއިމުކޮށްދިނުމުގެ މަޤްޞަދެއްކަމަށް ވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.

އެ ޚިދުމަތް އިފްތިތާޙް ކުރެވިގެން ދިޔުމާއެކު ހުރިހާ އަތޮޅެއްގައި ގާއިމުކުރެވިފައިވާ ޕޯސްޓް އޮފީސްތަކުގައި އެއްފަހަރާ މި ކޮމިނިއުނިޓީ އޮންލައިން ޝޮޕްގެ ޚިދުމަތް ފެށިގެންދާނެކަމަށާއި، އެހެން ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ވެސް އެމްޑީ ޝަފީޤް ވަނީ ފާހަގަ ކުރައްވާފައެވެ.

"ޝައްކެތްނެތްގޮތުގައި މިއަދަކީ ރާއްޖޭގައި ޕޯސްޓް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަނެއްކާވެސް އާ ސަފްހާއެއް އިތުރުވެގެންދާނެ ދުވަހެއް، ޕޯސްޓްގެ ޚިދުމަތް ތަރައްޤީކޮށް، ފުޅާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މުހިންމު މަސައްކަތްނިމި ހުޅުވާލުމުގެ އުފާ ލިބިގެންދާ ދުވަހެއް،" ޝަފީޤް ވިދާޅުވިއެވެ.

ޕޯސްޓްގެ ޚިދުމަތް ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ނެޝަނަލް ޕޯސްޓަލް އޮޕަރޭޓަރގެ ހައިސިއްޔަތުން މޯލްޑިވްސް ޕޯސްޓާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާ ކިތަންމެހާ ވެސް ބޮޑުކަމަށް ޝަފީޤްގެ ވާހަކާގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

މޯލްޑިވްސް ޕޯސްޓުން ދިވެހިންގެ އުފެއްދުންތަކަށް ހާއްސަ "ކޮމިއުނިޓީ އޮންލައިން ޝޮޕު" ހުޅުވައިފި

ޝަފީޤް ވިދާޅުވީ، ބައިނަލްއަޤްވާމީ ޕޯސްޓަލް ޚިދުމަތުގެ އިތުރުން ޕޯސްޓާބެހޭ ޤާނޫނުން ލާޒިމްކުރާ ޕޯސްޓްގެ އަސާސީ ޚިދުމަތްތައް ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކަށް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރަކީ މުހިންމު އަދި ގޮންޖެހުންތައް ބޮޑު ދައުރެއްކަމަށެވެ. އަދި ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އަންނަމުންދާ އިންގިލާ ހަލުވި ބަދަލުތަކުގެސަބަބުން ކޮމިނިޔުކޭޝަން މާކެޓްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ވާދަވެރިކަން މިއަދު ވަނީ ބޮޑުވެފައިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިފަދަ ދަނޑިވަޅެއްގައި ޕޯސްޓްގެ އަސާސީ ޚިދުމަތްތައް އެ ޚިދުމަތްތަކުގެ އަސާސި ސިފަތަކާއެކު އެދެވޭގޮތެއްގައި ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މައްސައްކަތްތައް ގިނަގުނަ، ކުދިކުދި އާބާދީތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮޕަރޭޝަނަލް މަސައްކަތްތައް ކުރަންޖެހޭ ހޭދައާއި، ލިބޭ ނަފާއަށް ވުރެބޮޑަށް ޕޯސްޓުން އަބަދުވެސް އިސްކަންދެނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް،" ޝަފީޤް ވިދާޅުވިއެވެ.

އެގޮތުން ޕޯސްޓްގެ އޮޕަރޭޝަންތަކުގައި ސިނާއީ އުފެއްދުންތަކުގެ ބޭނުން ހިފުމާއި ޚިދުމަތުގެ މިންގަނޑުތައް ފުޅާކުރުމަށާއި، އޮޕަރޭޝަނަލް މަސައްކަތްފުޅާކުރުމަށް ތަފާތު ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޕޯސްޓްގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި މޯލްޑިވްސް ޕޯސްޓްއިން މިސްރާބުޖަހާފައި ވަނީ ޕޯސްޓްގެ އޮޕަރޭޝަންތަކުގައި ސިނާއީ އުފެއްދުންތަކާއި، ޓެކްނޮލޮޖީގެ ބޭނުންހިފައި ޕޯސްޓަލް އަދި ނޮން ޕޯސްޓަލްގެ ދާއިރާތަކަށް ޚިދުމަތުގެ ބިންގާތައް ފުޅާކުރުމުގެ އަމާޒަށް ކަމަށް ވެސް ވިދާޅުވިއެވެ.

"ޚިދުމަތްތައް ޒަމާނީކޮށް ބަދަލުވަމުންދާ ބޭނުންތަކާއެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒަށް، ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ މިއަދުގެ ކޮމިޔުނިކޭޝަން މާކެޓްގައި ރެލެވެންޓް މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމުގެ އަމާޒަށް،" ޝަފީޤް ވިދާޅުވިއެވެ.

އެމްޑީ ޝަފީޤް ވިދާޅުވީ، މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމަކީ އީ-ކޮމާސްގެ ދާއިރާއާއި ގުޅިގްނެ ޕޯސްޓްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސިންގަޕޯ ޕޯސްޓާއި ގުޅިގެން ގާއިމުކުރެވުނު އިންޓަނޭޝަނަލް އީ-ކޮމާސް ޕްލެޓްފޯމެއްކަމަށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އެމެރިކާ، ޗައިނާ ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރާތަކުން ވިޔަފާރިކުރުމުގެ ދޮރު ހުޅުވިފައިވާކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.

"މިފަދަ ލޯކަލް ޕްލެޓްފޯމެއް އޮތުން ބޭނުންތެރިކަމުގެ މައްޗަށް ވިސްނައި، ޑޮމެސްޓިކް ފްރަންޓަށް އީޓުކުރި ޚިދުމަތް ފުޅާކުރުމުގެ ގޮތުން، 2019 ވަނަ އަހަރު ވަނީ އީޓުކުރި ލޯކަލް ޕްލެޓްފޯމްގެ ނަމުގައި ޕްލެޓްފޯމެއް ވަނީ ގާއިމުކުރެވިފައި، މި ޕްލެޓްފޯމްގެ ހުރިހާކަމެއް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިފައިވާކަން ފާހަގަކޮށްލަން،"ޝަފީޤް ވިދާޅުވިއެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕްވެސް ގާއިމު ކުރެވިފައިވާނީ އީޓުރި ލޯކަލް ޕްލެޓްފޯމްގައިކަމަށާއި، އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މިފަދަ އުފެއްދުންތައް މި އޮންލަައިން ބާޒާރަށް ވަނުމަށްފަހު ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

"ތަފާތު އުފެއްދުންތަކުގެ ކިއޮސްތަކެއް މައްޗަށް އެކުލެވޭ، މުޅިން ހިލޭ ބައިވެރިވެވޭ މި އޮންލައިން ޝޮޕަކީ އީތުކުރި ޕްލެޓްފޯމްގެ ތެރޭގައި ގާއިމުކުރެވޭ އެންމެ ބޮޑު އޮންލައިން ފިހާރަ، މިއީ ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ ކޮމިއުނިޓީ އޮންލައިން ފިހާރަ" ޝަފީޤް ވިދާޅުވިއެވެ.

މިފަދަ ޚިދުމަތެއް ގާއިމުކުރުމުގެ އެންމެ ބޮޑު ބޭމަކީ ކޯވިޑްގެ ދަތިތަކުން އަރައިގަތުމަށް އުފެއްދުންތެރިން ކުރާ މަސައްކަތަށް ޕޯސްޓުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޝަފީޤް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެއިތުރުން ދުރު މުސްތަގްބަލަށް އަމާޒުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް އަދި އެފަދަ އުފެއްދުންތަކަށް އޮންލައިން ބާޒާރެއް ހޯދައިދިނުމާއި، މި ބާޒާރުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މިއީ ޕޯސްޓްގެ ޑޮމެސްޓިކް އޮޕަރޭޝަން ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެޅިގެންދާ މުހިންމު ބިންގަލެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަފީޤް ވަނީ ވިދާޅުވެފައެވެ.

ޕޯސްޓް އެމްޑީގެ ވާހަކާގައި ވަނީ، އާންމު ޚިދުމަތްތައް ތަރައްޤީކޮށް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މި ޚިދުމަތާއެކު ޚިދުމަތުގެ މުހިންމު އަމާޒަކަށް ވާސިލުވެވިފައިވާކަން ފާހަގަކުރަށްވައި، މިފަދަކަންކަމަށް ސަރުކާރުން ބަހައްޓާ އަހަމިއްޔަތާއި، ފޯރުކޮށްދޭ އެހީތެރިކަން ވެސް ފާހަގަކުރަށްވާފައެވެ.

ދިވެހިންގެ އުފެއްދުންތަައް ވިއްކުމަށް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރަ، ކޮމިއުނިޓީ އޮންލަައިން ޝޮޕު ހުޅުއްވަައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝއުނާއެވެ.