މިފެށުނު 2022 ވަނަ އަހަރުގެ ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަޙުނިޔާގެ ޚިޠާބުގައެވެ.
ރައީސް ޚިޠާބުގައި ވިދާޅުވީ، އަހަރަކަށް އަލްވަދާޢު ކިޔައި، އައު އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް ހުންނާނެކަމަށެވެ. މިގޮތުން މިއަދު ކޮންމެ ފަރުދެއްގެ ވެސް އުންމީދަކަށް ވާނީ، ކޯވިޑު-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ވެސް އެއީކަމަށް ވިދާޅުވިއެވެ.
ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ދިވެހިރާއްޖެ މިއަދު މިވަނީ، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިފައިކަން ފާހަގަކުރައްވައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވެވިފައިވިޔަސް، ކޯވިޑުގެ ނުރައްކާތެރިކަން ރާއްޖެއިން މުޅިން ފިލައިގެންދިޔައީ ނޫންކަން ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރަށްވާފައެވެ.
"މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމެވެ. ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްޤީގެ ދަތުރުގައި އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަޤީނެވެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ޤައުމީ ތަރައްޤީއަށް އިތުރު ދިރުމެއް އަންނާނެ ކަމެއް ކަމަށެވެ.
ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުންކަމަށާއި، މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެކަމަށް ވެސް ރައީސް ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.
"ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެއެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެއެވެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ތަރައްޤީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
މިގޮތުން އެ ނަތީޖާ ނުކުންނާނީ އަޅުގަނޑުމެންގެ ހިތްތަކުން ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އަލުން ބަދަހިކޮށްގެންކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!