ހއ. ތުރާކުނު ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް މަދިރި މަދުކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.

ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް " ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދިރި އަދި ހުވަނި މަދުކުރުމަށްޓަކައި ފޮގް މެޝިންއެއްގެ އިތުރުން ހައި ޕްރެޝަރ ޕަންޕެއް ވެސް ސިއްޚީ މަރުކަޒަށް ހަދިޔާކޮށްފައިވާނެ ކަމަށެވެ.

Ad
rt

އެކައުންސިލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ތަކެތި މަރުކަޒަށް ހަދިޔާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުގެ ރައްޔިތުން މަދިރިން ޖެހޭ ބައެއް ބަލިތައް ކަމަށްވާ ޑެންގޫ އަދި ޗިކަންގުންޔާ ފަދަ ބަލިތަކުން ރައްކާތެރިކުރުމެވެ. އެގޮތުން މި ތަކެއްޗަށް ކައުންސިލުން ވަނީ ޖުމްލަ -/35000 (ތިރީސް ފަސް ހާސް) ހަރަދުކޮށްފައެވެ.

މީގެ އިތުރުން ލަތީފް ގެ ވާހަކަފުޅުގައި ރަށުތެރޭގައި މަދިރި އާލާ ވުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ފެން ހަރުލާ ގޮތަށް ގޭގޭގައި ތަކެތި ބެހެއްޓިފައި ހުރުމެވެ. އެގޮތުން މިފަދަ ތަކެތި ގިނައިން ފެނިފައިވަނީ މީހުން ނޫޅޭ ފަޅުގެ ތަކުންނާއި ގޮނޑުދޮށް ސަރަހައްދުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ވިއްސާރަ ދުވަސްވަރު މަދިރި އާލާ މިންވަރު އިތުރު ވެގެންދާ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ތުރާކުނު ކައުންސިލުން ފަރާތުން މިއަންނަ އަހަރުތެރޭގައި ވެސް ރަށުގެ އެކި މުއައްސަސާތަކަށް މާލީ އެހީތެރިކަމުގެ އިތުރުން ތަކެތި ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.