މަނަދޫ ބޮޑު މަސް ރައިވަރު

manadhoo bodumas raivaru

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

މަނަދޫން ވަދާ ދިޔަ ބަޔަކަށް ފެނުނު ވަރަށް ބޮޑު މާވަހަރު ބޮޑުމަހެކެވެ. އެއީ 1960 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެ މަސް މަރުވެގެން ފެންމައްޗަށް އަރާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މާފަ (އަޅުގަނޑުގެ މަންމަ ފަރާތު ކާފަ) ނ. މަނަދޫ، މާލްރޯޑް އިބްރާހީމް ޙަސަނަށެވެ. ކާފައާއެކު އެ ދުވަހު ވަދާ ދިޔައީ މަނަދޫ ރައިމާގޭ ޢަލިބެ (ރާގޭ އަލިބެ) އާއި މަނަދޫ ނޫވިލު ޙަސަން އިބްރާހީމް (އަޅުގަނޑުގެ މަންމަ ފަރާތުގެ ބޮޑު ބޭބެ) އެވެ. އޭރު ޙަސަންބެއަކީ ދިހަވަރަކަށް އަހަރުގެ ކުޑަ ކުއްޖެކެވެ.

ބޮޑު މަސް މަރުވެގެން ފެންމައްޗަށް އަރާފައި އޮތަސް މަސް އޮތީ ކުނިވެ ހަލާކުވެފައެއް ނޫނެވެ. ބޮޑު މަސް ފެނުމާއެކު އެކަން ވަދާ ގޮސް އުޅުނު އެހެން މީހުންނަށް ކާފަމެން އެންގީއެވެ. އަދި ރަށުގެ ވަދުދޯނިތައް އެ ބޮޑު މަސް ކަފު ޖަހައިގެން ގެނެސް މަސް އެރުވީ މަނަދޫގެ ދެކުނު ފަރާތުން އާމަގާއި ނާމަގާ ދޭތެރެއަށެވެ. އެ ސަރަޙައްދު ބޮޑަށް ގާތީ ނާމަގާއެވެ.

ބޮޑު މަސް އެރުވުމާއި މަސް ކަނޑައި ތެޔޮ ހޭނުމުގެ ކަންކަން ދިޔައީ ރައްޔިތުންގެ އިޖުތިމާޢީ ބޮޑު އަދި ބުރަ މަސައްކަތެއްގެ ގޮތުގައެވެ. ގޭގޭގައި ހިފާ ގެންގުޅޭ ތަފާތު ވައްތަރުވައްތަރުގެ ކަންވާރުތަކަށް ތެޔޮ އަޅާ ފުރާލިއެވެ. އޮޑިދޯނިފަހަރަށް ތެޔޮތައް ބެހީއެވެ. ބޮޑު މަސް ރައިވަރުގައި ބުނާގޮތުން ބޮޑު މަހުގެ ބަނޑުން ނެގުނުނީ ރޯ ހުދަންބަރެވެ.

ރައްޔިތު ފިރިހެނުން އެ މަސައްކަތުގައި އުޅުނުއިރު ރައްޔިތު އަންހެނުން ގޭގައި ތިބިއްޔެއް ނޫން އިނގޭތޯއެވެ. ބޯފެނާއި ލުބޯހުތު ފަންޏާއި ދުފާ ސާމާނާ، ބިޑި ސުއްޓާ ނާމަގުކޮޅަށް ގެނެސްދީ އަދި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރި ވެސް ވިއެވެ. ބޮޑު މަސް އެއްގަމަށް ގެނައުމަށް ވަލުގައި އަންހެންވެރިން ހިފައިގެން ދަމަނިކޮށް އެއް ފަހަރަކު ވާ ކެނޑިގެން ދޮންފަސްގަނޑު މައްޗަށް ހުރިހާ އަންހެންވެރިން ވެއްޓި އެންމެން ވެއްޔާ މޮޑެވުނެވެ. އެކަން ވެސް ވީ ވަރަށް މަޖާ ކަމަކަށެވެ. އެ ވާހަކަ ވެސް ބޮޑު މަސް ރައިވަރުގައި އޮވެއެވެ.
ފިރިހެނުން މަސްދޮށުގައި އުޅުނުއިރު އަތްފައި ހަޑިވެފައި ތިބެގެން ފެންބޯ ތަށިގައި އަތް ނުލާން ވެގެން ފެނާއި ފަންޏާ ބޮނީ އަންހެން ކުދިން ތުނބުގައި ޖެއްސީމައެވެ. އެއީ ދެ ޖިންސްގެ ޒުވާނުންނަށް ވެސް ލިބުނު އުފަލެއް ކަހަލައެވެ.

މަނަދޫ ބޮޑުމަސް ރައިވަރަކީ އަޅުގަނޑުގެ މާފަ (މަންމަ ފަރާތު ކާފަ) ނ. މަނަދޫ މާލްރޯޑް އިބްރާހީމް ޙަސަން (އާންމުކޮށް ކިޔާގޮތުން ނަމަ ދޮން ކަމަނަ އިބުރަބޭ) ހަދާފައިވާ ރައިވަރުބައެކެވެ.

ރައިވަރު ހެދި ދުވަސްވަރު ރައިވަރުތައް ހެދުމަށްފަހު ކާފަ ލިޔުނީ ފޯއްޔަކުން ބޯޑެއްގައެވެ. ފޮތަށް ނަގަނީ ކަރަންކާވިލާގައި އޭރު މަނަދޫ ކުޑަ ކަތީބު ހާރޫނު މޫސާ (ހާރޫނުބޭ) އެވެ. ހާރޫނުބޭގެ ލަފަޔާއެކު ބައެއް ރައިވަރުން ތަންތަންކޮޅު ކާފަ އިސްލާހު ކުރިކަމަށް ވެއެވެ. ކާފަގެ ދަރިފުޅު ނ. މަނަދޫ ނޫވިލު ޙަސަން އިބްރާހީމް ބުނުއްވި ގޮތުގައި ޙަސަންބެ އެ ފޮތް ދުއްއިރު ބައެއް ރައިވަރު ތަކުގައި ކުދިކުދި އިމުލާ ކުށް ހުއްޓެވެ. ވުމާއެކު އަޅުގަނޑު މި ނަކަލުކުރާ ރައިވަރުތަކުގައި ވެސް ފަހަރުގައި އެ ކުށްތައް ހުރުން އެކަށީގެންވެއެވެ.

އަޅުގަނޑަށް އެއްކުރެވިފައި މިވާ ރައިވަރު ތަކުގައި އެއްބައި ރައިވަރު އަދި މަދެވެ. ބޮޑު މަސް ރައިވަރު ލިޔެފައި އޮތް ފޮތް ދުއް މީހުން ބުނާގޮތުގައި އެ ފޮތުގައި 52 ރައިވަރު އޮވެއެވެ. އަޅުގަނޑު މި ލިޔާ ރައިވަރުތައް ލިޔެފައި މި ވަނީ ކިޔާ މީހުން ކިޔާ އަޑު އިވުނު ގޮތަށެވެ. އަދި ލިބިފައިވާ ރައިވަރުތައް ލިބުނު ގޮތަށެވެ.

ކާފަ ނިޔާވިއިރު ބޮޑުމަސް ރައިވަރު ފޮތް އޮތްކަމަށް ވަނީ ކާފަގެ ފޮށީގައެވެ. އެ ފޮށިހުރީ އޭރު ކައިވެނިކޮށްގެން ކާފަ އުޅުނު މަނަދޫ ބަހާރުގޭ އައިސާ މަނިކެ ދައިތަ (މަނިކެ މާމަ) ގެ ގޭގައެވެ. މަނިކެ މާމައާއި ކާފަކުރި ކައިވެންޏަކީ އެ ދެ މީހުންގެ ވެސް އުމުރުން ވަރަށް ދުވަސްވީ ފަހުން ކުރި ކައިވެންޏެކެވެ. އެއީ މަނަދޫގައިއޮތް ވާދަވެރި އަވަށު ކުޅިވަރުގައި ނަގާކިޔާ އުޅުނު ދެ އަވަށުގެ ދެ މުރީދެއްގެ ތާރީޚީ ކައިވެންޏެކެވެ. އެ ކައިވެންޏަށް ދަރިއަކު ނެތެވެ.

ކާފަ ނިޔާވީ ސްޓްރޯކެއް ޖެހުމާ ގުޅިގެން ބަލިވެ އުޅުމަށް ފަހުގައެވެ. ކާފަ ބަލިވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މަނަދޫ އިރުމަތީ އަވަށުގައި އެ އަހަރު އީދުކުޅިވަރެއް ނުކުޅެއެވެ.
ކާފަބަލިވުމުން ކާފަގެ ދަރިން އަޅުގަނޑުމެންގެ ގެއަށް އަޅުގަނޑުގެ މަންމަ ކައިރިއަށް ކާފަ ބަދަލުކުރީއެވެ. ކާފަ ބެލީ ކާފަގެ ދަރިންނާއި ދޮންމާމައެވެ. ޚާއްޞަކޮށް ޙަސަންބެ އާއި އަޅުގަނޑުގެ މަންމައެވެ.

ކާފަ ނިޔާވުމުން ކާފަގެ ފޮށްޓާއި ދޮންމާމައަށް ކާފަ އެއްޗެއް ދީފައި އޮތަސް އެ އެއްޗެއް ކާފަގެ ދަރިން ދޮންމާމައަށް ދިނީއެވެ. ކާފައަކީ ފެށުނިއްސުރެ މީސް މީހުންގެ އޮޑިދޯނިފަހަރު ދުއްވައިދިން ކެޔޮޅެކެވެ. އެހެންކަމުން އަތުގައި ފޮރުވާފައި ތަރިކައިގެ ގޮތުގައި ބަހާނެ މުއްސަނދި ކަމެއް ނެތެވެ. އެކަމަކު ކާފަ ވަނީ މައުނަވީ ތަރިކަތަކެއް ދޫކޮށްފައެވެ. ރައިވަރާއި ޅެންތަކާއި ލަވަތަކެވެ. ކާފަގެ އަޑުން ރެކޯޑުކޮށްފައިވާ ލަވަތަކެއް ދިވެހިރާއްޖޭގެ އަޑުގެ އާކައިވްގައި އެބަހުއްޓެވެ.

ކާފަ ނިޔާވުމަށްފަހު ވެސް ބޮޑު މަސް ރައިވަރު ފޮތް މަނިކެމާމަ އާއި އެ އާއިލާގެ ކުދިން ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅުނެވެ. އެކަކުއަތުން އަނެކަކު އަތުން ގެންގުޅެމުން ގޮސް މިހާރަށް އައިއިރު އެ ފޮތް އޮތް މީހަކު ނޭނގެއެވެ. އަދި އޭގެ ކޮޕީއެއް ނުވަތަ ނަކަލެއް އޮތް ކަމެއް ވެސް ނޭނގެއެވެ.

ކާފަގެ ބޮޑު މަސް ރައިވަރަކީ ބޮޑު މަހާ ގުޅިގެން ކަން ހިނގާދިޔަ ގޮތުގެ މައްޗަށް ލިޔެފައިވާ ހަބަހުގެ ރައިވަރުތަކެކެވެ. މުޅި ހާދިސާ ފެށުނިއްސުރެ ސިފަކޮށްދީފައިވާ މަނަދޫގެ ތާރީޚާ ގުޅިފައިވާ މައުނަވީ ބޮޑު ތަރިކައެކެވެ.

ބޮޑު މަސް ރައިވަރަކީ ވަރަށް ގިނަ ބަޔަކު ހިތުން ވެސް ދަސްކޮށްފައި އޮތް އެއްޗެކެވެ. އެކަމަކު އެ ޖީލު ހުސްވަމުންދާތީ ހުރިހާ ރައިވަރެއް ލިބޭނެ ކަމުގެ އުންމީދެއް މިއަދަކު ނެތެވެ. ހަނދާންތަކުގެ މައްޗަށް ބައެއް ރައިވަރުތައް ކިޔައިދޭއިރު ކުދިކުދި ތަފާތުތައް ވެސް ފާހަގަކުރެވެއެވެ.

ތިރީގައި މި ވަނީ މިހާތަނަށް ބޮޑުމަސް ރައިވަރުން އެއް ކުރެވުނު މިންވަރެވެ. މި މަސައްކަތުގައި އެންމެން ބޮޑު އެހީތެރިކަމެއް ދެއްވާފައިވަނީ ކުޅަދާނަ ޒުވާން ޅެންވެރިޔާ މަނަދޫ ފެހިވިލާގޭ ހާރޫނު ރަޝީދު (ހާރޭ) އެވެ. ދެން އަޅުގަނޑުގެ މަންމަ މަނަދޫ މާލްރޯޑު ޒުލޭޚާ އިބްރާހީމް (ކަނބުލޮ ދައްތަ) އާއި ކާފަ ރައިވަރު ހަދައި މަނަދޫ ކަރަންކާވިލާގައި ހާރޫނުބެއާއި ދެ މީހުން ފޮތަށް ނެގިއިރު އެތަން އެންމެ ގާތުން ދުށް އަޅުގަނޑުގެ އަންހެނުންގެ މަންމަ، މަނަދޫ ނިޝާން އައިމިނަތު ހަފުސާ (ހަފުސާ ދައްތަ) އެވެ.

ބޮޑު މަސް ރައިވަރު

ހެދީ: އަލްމަރުޙޫމް އިބްރާހީމް ޙަސަން / މާލްރޯޑް، ނ. މަނަދޫ

ށާފަނަމެ ފަސްލަކުން
ނާމި ކިޔަމޭ ޅެންބަހުން
ތާރީފު ވާހާމަގުން
މާނަ ފުރިހަމަ ވާގޮތުން
ސާރިފި ތެދެކެ މިބުނަނީއާ
ނާމެ މިފާޅު ކުރަނީއާ
***
ރައިފުގަތުމަށް ރަށުން
އާދަކުރަމޭ ކަށަވަރުން
ވައިވަރު ގަހާ ހުރިކަމުން
ފައިނުކުމެ އޮވެ ކުޑަ ނެރުން
މާނު ދޫކޮށް ދަނީ އިރުޖަ
ހާމިސްރާބު ދެކުނަށްޖަ
***
ރެންއަހު މިލިޔެ ގޮވާ
އެންމެ ހުރި ކުޑަ ދަރިފުޅާ
ޔެއް ނުރޮއި ގަދަ އަޑުންފާ
ދެން އޮތީ މަސް މަރުވެފާ
ޅެންބަހުން އަޅެ ބުނަމެ ކީދޮ
ގެއްފަހެ ނޫނެ މިއަކީދޮ
***
ދަރުމަ ތެދެ ހުރި ކެޔޮޅު
ފަރުވާވެ ހުރެ ގާނު މޮޅު
ވަރުވެ ހުރެ ތިޔަ ރޯސްކޮޅު
ތަރުތީބުވީ ކަމުން މޮޅު
ފަރުވާވެ ހުރެ މިފަހަރަށް އާ
ބަރު މަހު ކައިރިޔައްއާ
***
ދެން ދުލުން ސަހާދަތް
ހެއްލަ ނުވެ އޭ ކިޔުނުގޮތް
ހެއްބަ ބުނެ އަންގަމޭ ގޮތް
ދެން އެޔަށްފަހު މަހެއް އޮތް
ދެން ޝުކުރު ރައްބިއަށް ކީމި
ދެއްވި އެ ރޯދި ފުޅަކީމި
***
ގަނޑުއަޅު ދުލުން މިތާ
މަޑުމަޑުން ގޮވަމޭ ސަނާ
ގަނޑުރިޔާކޮށް އޮޑިހަދާ
މަޑުހުރީ ކޮށްފާއެތާ
ކަނޑުމަތީ ތިބި ކަތުން ދޭތޯ
މަޑުނުވެ އޭރު އާދޭތޯ
***
ތެއްމު ފަދަ ކުލައަރާ
ފެންފިޔާޒޭ ނަންކުރާ
ހެއްލަ ނުވެ ތިބެ އެތަނުގާ
އެންމެން ގޮވަތެ ދުލުންވާ
ޅެންބަހުން އަޅުމިބުނަނީއޭ
ދެންެއެއަރާ ހަމަވީއޭ
***
ވީގޮތަށް މިކަމުގައި
ކީރުމަފަ ބެލި އިރު އެތާ
ފީރޯޒަކާ ވަކިނުވާ
ރީތި އައެ ކުޑަ އަލިވިލާ
މީހުނަށް ގިނަ އަންގަނީ މި
ވީގޮތް ސާފު ކުރަނީ މި
***
ހިރުމަލެއް ފަދަ ޖަވާ
ދިރުނބާ ކޮޅަށް އަރުއްވާ
ފިރުކިލާ ގޮސް ރޯސް ވާ
އިރު އެނެންގެވި ނަގިލި ލާ
ބިރުނުގެން ހުރެ މިހިނދުގައިވާ
ފިލިދެއްވީ އަޅުނާވާ
***
ތެއްމުފަދަ ކުލައަރާ
ދެން މިހުރި ކުޑަ މަނިކުވާ
ޔެއްބުޅި އެދަށުތަލީގާ
ހެއްލަނުވެ ދީފިޔެ އަޅާ
ޅެންބަހުން އަޅުބުނަމެ ގާވޭ
ގެންމިކަމާ އޯގާވޭ
***
އިންގިނަ ކަތުން އެތާ
ބިއްލާހި ތެދެކޭ ގޮވާ
ޅިންމުހުރު ދިގުފަތިންވާ
ތިން ފަހަރު ދިޔައޭ ކަނޑާ
ވިސްނާ ކަތުން ރަނގަޅުކޮށްލާ
ހިތްވަރުދޭށެ ގަދަކޮށްލާ
***
ލާތަފިރުކާ ދަމާ
ލާ ޖަވާހިރުނަނުއޮމާ
މާލަހެއްބޮޑު ނުކޮށްލާ
ތާއަމިދިޔާގެން ކަނޑާ
ސާރިފިތެދެކެމިބުނަނީއަ
ނާމިހުރީ ރޮވިފާއަ
***
މުރުއުގާ ނަންކުރާ
ސުރުނަވެރި މިރަށުންއޮމާ
ކުރުފިކޮށްނަމެ ދެންކިޔާ
ހުރި މުހައްމަދު ކަނބުރުވާ
ފުރިހަމަވެކުރެދެންބިރުންވާ
ހުރެއެރޮޔޭ ގަދަޔަށްވާ
***
ފަތި މިދިގުކަމުންތާ
ކަތިތައް އެގިނަ އޮވެ އަރާ
ލަތިދީ ކަތުންނޭ މިތާ
މަތިއިން ޖެހެނި އަބަދުގާ
ލަތިދީ މިދޮން އީސަޔަށް ފާ
ގަތިވެފަ ދޯނި ދުއްވަންފާ
***
އަބުދުއް ސަމަދު މިތާ
ނަމަކަށް ކެޔޮޅު ދެން ކިޔާ
ސަމަލަހުވެ ހުރެދެން ގޮވާ
ހަމަޖަހަން ހަންނޭ ނުވާ
ކަމަކު ތިޔަ ގިނަ ކަތުން ނާދޭ
ހަމަ ފެނިފާ އަންނާނޭ
***
ހައިކަމުން ބަނޑުވެފާ
ވާތީވެ ގިނައިރު މިތާ
ޖާނުހުރި ޅަފުރާ ގޮވާ
ވާހިދު މަގޭ ރަންކޮޅާ
ހާލު ހުރިގޮތް އަންގަވާށޭ
ވާބަލައި ރަށަށް ދާށޭ
***
މާލަހެއްކޮށް ނުލާ
ވާ ދެތިންހަމަ ގެންހިފާ
ތާމިހުރެ ވާހިދު ގޮވާ
މާބޮޑު މަހެކެ ކޮއިފުޅާ
ޅާއަމެންނަށް މިކަންވޭތޯ
ވާ މިރަށުން ލިބެވޭތޯ
***
ވިރުވާފަ ރަނުން ހެދި
ހިރުޖަވާފަދަ ކޮޅެއް އެތި
ތިރިވެ ތިބެ ރޯހުގައި ބެތި
ގިލިނަ ދިޔައީ ވެގެން އިތި
އިރު މިކަނޑުގަދަކަމުން ރިޔެއް
އެރިހަމަ ބާރު ކުއްލިޔެއް
***
ހެއްލަ ނުވެ ނަމެބުނާ
އެންމެން ޖަމާވީތަނާ
ދެންމަޅި އަޅާ ނަގުލުގާ
ތެއްމު ފަދަ ކުޑަ ރަހީމާ
ޅެންބަހުން އަޅު ބުނަމެ ގާވެ
ދެން މިކަމާ އޯގާވެ
***
ޑުންރާޅު ކަފަކަފާ
ހުންނަނީ ކަފުޖަހަޖަހާ
ދުން އަމުމިލީ އިރު ބަލާ
ނުން ގަނޑެތި ސައުވީސްތާ
ކުންމިލަ ޚަބަރު ރަށަށް ވޭތޯ
ރުންކަށަވަ ފޮނުއްވޭތޯ
***
ހަރުއަޑުން ގޮވާލާ
ވަރުގަދަޔަށޭ އުމަރުވާ
ފަރުތެރަށް އެއްދުއްމިހާ
ދަރުމަ ސަހަރޯ ވައްދަމާ
ތަރުތީބުވީ ކުދިންނޭވޭ
ހަރުމި ފަތާފަ ނުދެވޭނޭ
***
އަޑި އެންމެ ބަނޑުވިޔަސް
ގަނޑިޔައޭ ބުނެފާ ވަރަށް
ހަޑިއެއް މިނޫނަސް ނިކަން
ވަޑި މޫސަ ގޮވައޭ އަދަށް
މަޑިއެން ޖެހޭހެއިން ގަނޑަށް
އަދި މަނަދޫގެ ފަސްގަނޑަށް
***
ފުރިހަމަ ގޮތުން މިތާ
ހުރެ މުޙައްމަދު ފުޅު ގޮވާ
ކުރިއިން ފިޔޭ ގޮވާލާ
ހުރެ އެ މަނަދޫ ފުޅޮއިގާ
ކުރުފިކޮށް މިބުނަނީއޭވޭ
ފުރިހަމަ ގައިމެ ތެދެކޭވޭ
***
އާގަމަ ނުވަރުތަވާ
އެއްގަމަށް ވާ އެރިތަނާ
ނާމަގު މިދުރުކަމުންތާ
މާނެރަށް އޮތެ ގޮނޑުވެފާ
ވާ އެއްގަމަށް ސަފުންލާށޭ
ނާ މިގޮވީ އަރުވާށޭ
***
ދެން މިރަށު ހެނުންއަން
އެއްގަމަށް ވާ އެރިތަނާ
ގެންބާރު ދެއަތަށް މިލާ
ހެއްލަނުވެ ދިޔައޭ ކަނޑާ
ދެން މަބެލި އިރު މިހެންވެފާ
ވެއްޔާ އޭރު މޮޑެވިފާ
***
ހިރުމަލެއްފަދަ ޖަވާ
ފިރުމާވަރަށް ލޯބިވާ
ކިރިޔާމަބެލިއިރު އެތާ
ތިރިފަތިއަޔޭ ޕިޔާރާ
ދިރުވާލިކުޅު ހެއިން ހައްވާ
އިރުއެއަރާ ހަމަކޮށްވާ
***
ގޫތުޔާ ކުލައަރާ
މޫސަ މާވަޑި ނަންކުރާ
ނޫކަށި ފުރާ ކުދިން ނާ
ދޫނުކޮށް ސާބަަސް ކިޔާ
ފޫހި ނުވެ ތިބެ މި ފަދައިން ގަ
ބޫލު ކަމާ ލައިގެން ގަ
***
ހުރި މިރަށުތެރޭގާ
ސުހުރަވެރި މޮޅު ޢަލީ މާ
ކުރުފިކޮށް ހެން ގެންގޮވާ
ފުރުޅޭ އެމާރަށް ހިފާ
މުރުޢުގާ އަދި މިކަން ވޭތޯ
އިރުހުއްޓާ އެރު ވޭތޯ
***
ސާއަތުގެ ޒަހުރަތެއް
ފާ ބަލާ މޮޅު އިރުވަރެއް
ހާ މިނުވެ އޭރުގަ ލަހެއް
ޅާ އަފިޔެ މަހު އެ ވަޅި ދެން
ގާ މި މަނަދޫ ހުންނަ ތީބު
ވާ މި ނަން ކުޑަ ކަތީބު
***
ތަޅާ ރަތުރަނުންވާ
އަޅާ ވިރުވާ މޮޅަށްވާ
މަޅާ ހަންޖަރު ނަންގަވާ
ފަޅާ ލިޔެ ބަނޑުތިބެ އެތާ
ތަޅާ ކަތިވަޅިތަކުން ގެންފޫ
ޚަރާބު އޭރު ކޮށްލައިފޫ
***
ތޯނުކޮށް ދެންނެވީ
އޯގާވެ ރައްޔަތުން މީ
ހޯދާ ބަލާ އިރުންލީ
ރޯ ހުދަން ބަރުތައް އޮތީ
ޝޯހުއާނުވެ ކަތުން ރުކޮށް
ރޯސަހަ ފީމު ޝުކުރުކޮށް
***
މަޑުމަޑުން ތިބެއެތާ
ފަނޑުނު ކުލަ ދެވެރީންވާ
އަޑު އިއްވުމަށް ލެއަށްމާ
ގަނޑުލޯތަކަށް ފިޔެއަޅާ
ފަނޑުނު ކުލަ އާލަމަށްވޭ ތޯ
އަޑު މަނަދޫގެ އިއްވޭ ތޯ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *