ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައި ވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި އަރަބިއްޔާ ސްކޫލްގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އެ ސްކޫލް ހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސާއި ޙިއްޞާކުރައްވައިފައެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއިން ވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި މިވަގުތު އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މަދަރުސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!