ރާއްޖޭގައި މިވަގުތު އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މަދަރުސާކަމަށްވާ، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އެ ޑިޔުކޭޝަންގެ މި ނިންމުމާއި ދެކޮޅަށް އަރަބިއްޔާގެ ބެލެނިވެރިން ވެސް ވަނީ މި މަހުގެ 17 ވީ ހުކުރު ދުވަހު އިހުތިޖާޖުކޮށްފައެވެ. އަރަބިއްޔާ ސުކޫލު ކުރިމަތީ ތިބެގެން އިހުތިޖާޖުގައި ބައިވެރިވި ބެލެނިވެރިން ވަނީ އެޑިއުކޭޝަންގެ ނިންމުމާ ދެކޮޅުކަން ހާމަކޮށްފައެވެ.

Ad
rt

އެޑިޔުކޭޝަން މިނިސްޓްރީގެ އެ ނިންމުމާއި ބައެއް ޢިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރައްވަމުން އަންނައިރު، މިގޮތުން ސެއިޚް ޢަލީ ޒާހިރު ބިން ސައިދު ޤާސިމް ވިދާޅުވެފައި ވަނީ، ‏ތަފާތު ދެ ސްކޫލެއްގެ ދަރިވަރުން އެއްތަނެއްގައި މެނޭޖު ނުކުރެވޭ ވަރުގެ ކުޑަ ތަނަކަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުން ކަމަށެވެ.

އެ މައްސަލާގައި ޑރ. ޢިޔާޟު ވިދާޅުވެފައި ވަނީ އެއް ޢިމާރާތެއްގެ ތެރޭގައި ދެ ސްކޫލް މެނޭޖް ނުކުރެވޭނެ ވާހަކަ ތަކްރާރުކޮށް ދެ ސްކޫލުގެ މެނޭޖްމަންޓުން އެޑިޔުކޭޝަން މިނިސްޓްރީގައި ދެންނެވުމުން ޖަވާބަކަށްވީ މެނޭޖްކުރެވުނު ގޮތަކަށް ކުރާށޭ ކަމަށެވެ.

"މިއީ ބޮޑު މުސާރަ ނަންގަވައިގެން ރަޢްޔިތުންގެ ޚިދުމަތުގައި ކަމަށް ވިދާޅުވެ ތިއްބަވާ ބޭފުޅުންގެ ހާލަތު." ޑރ. ޢިޔާޟު ވިދާޅުވެފަ ވެއެވެ.

މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސެއިޚް ޢަލީ ޒައިދު ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލު ކުދިން "ގަނަ ތަޅުވަން އުޅޭ އުޅުން ހުއްޓާލުމަށް ސަރުކާރަށް އަދި ވަކިން ޚާއްޞަކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވާލާ" ކަމަށެވެ.

"މިކަން ކޮޅެއްގައި ޖެހެންޖެހޭ! އެޑިޔުކޭޝަންގެ ނިންމުންތަކުން ދޭހަވަނީ އަވަސް ނިންމުންތައް ނިންމާލަނީ ހަމައެއްވަރަކަށްވެސް ނުވިސްނާހެން" ސެއިޚް ޒައިދު ވިދާޅުވެފަ ވެއެވެ.

ސެއިޚް ޢަބުދުﷲ ސައުދާން ވިދާޅުވެފައި ވަނީ ކޮންމެ ސަރުކާރެއްގައި ވެސް އަރަބިއްޔާއާއި ދެކޮޅަށް ކުރާ ކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ޢަރަބި ތައުލީމަށްވުރެ ހެޔޮ ތައުލީމެއްނުވޭ، ޤުރުއާނާއި ސުންނަތް ފަހުމް ކުރަން ޢަރަބި ތަޢުލީމް މުހިންމު" ސެއިޚް ވިދާޅުވެފަ ވެއެވެ.

މި މައްސަލާގައި މި ނޫންވެސް ބައެއް ޢިލްމުވެރިނާއި، އާންމުން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސްކޫލްގެ ސްކްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ނިންމާފައިވާ ކަމަށާއި، އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށް އެ ބަޔާނުގައި ވިދާޅުވެފަ ވެއެވެ.

އެ ޑިޔުކޭޝަންގެ މި ނިންމުމަށް އަރަބިއްޔާގެ ބެލެނިވެރިންނާއި، ޕީޓީއޭ ވެސް ދެކޮޅު ހަދާފައިވާއިރު، އެ ސްކޫލްގެ ދަރިވަރުން އެހެން ސްކޫލެއްގެ ދަރިވަރުންނާއި މިކްސް ނުވާނޭހެން، އެއް އިމާރާތެއްގައި މެނޭޖް ކުރެވޭނެ ވަގުތީ އިމާރާތެއް ހަމަޖައްސައިދޭން އެ ފަރާތްތަކުން ވަނީ އެދިފައެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް، މި ހާލަތުގައި އެޑިއުކޭޝަނުން ނިންމި ނިންމުމަކީ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅި އެކުދީންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެ ނިންމުމެއް ކަަމަށް ބުނެ އަރަބިއްޔާގެ ޕީޓީއޭއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.